މާމުއި ޕޮންޑު

މަޢުލޫމާތު

އެއްސަހަރެއްގައި އުޅުއްވި ރަސްކަލެކެވެ. އެ ރަސްގެފާނު މާމުއިގެ ޕޮންޑެއް ހެއްދެވުމަށް ގަސްތުކުރައްވާ އެ ރަސްގެފާނުގެ ވަޒީރަށް އެ ޕޮންޑު ތައްޔާރުކުރުމުގެ އަމުރުފުޅު އިއްވެވިއެވެ. ވަޒީރު މަސައްކަތު މީހުންލައްވާ ޕޮންޑު ރާނާ ތައްޔާރުކުރިއެވެ. ދެން ރަސްގެފާނު އެ އަވަށުގެ ރައްޔިތުން އެއްކުރައްވާ އެންގެވިއެވެ. މާދަމާ އިރުއަރަންވާއިރަށް ކޮންމެ މީހަކު ބާލިދީއެއްގެ މާމުއި ރަށުގެ މެދުގައި ތައްޔާރުކުރެވިފައިވާ ޕޮންޑަށް އަޅަންވާނެއެވެ. އަދި އެފަދައިން ޢަމަލު ނުކޮށްފި މީހަކަށް ހަރުކަށި އަދަބު ދޭނެ ކަމުގައިވެސް އިޢުލާނު ކުރިއެވެ.

އެ އަވަށުގެ ވަރަށް ފަގީރު ސޮރަކު އެކަމާ ކަންބޮޑުވެ ފިކުރުކުރަނިކޮށް ރަނގަޅު ޚިޔާލެއް އައެވެ. އޭނާ ހިތަށްއެރިއެވެ. ރޭގަނޑު އަނދިރިވުމުން ބާލިދީއަށް ފެންއަޅައިގެން ގޮސް ޕޮންޑަށް އަޅާލާނީއެވެ. އަވަށު އެންމެން އެ ޕޮންޑަށް އަޅާ މާމުއިގެ ތެރެއަށް އެންމެ ބާލިދީއެއްގެ ފެން އެޅުމަކުން އަންނާނީ ކޮން ފަރަގެއްހެއްޔެވެ. މިހެން ފިކުރުކުރުމަށްފަހު އަނދިރިވުމުން މީނާގޮސް ޕޮންޑަށް ފެންބާލިދީ އަޅާލާފައި ގެޔައްގޮސް އަރާ އޮށުވެ ނިދައިފިއެވެ. އޭނާ އެޅީ މާމުއި ނޫންކަމެއް އެތަން ބަލަހައްޓަން ތިބި މީހުންނަކަށްވެސް ނޭނގުނެވެ.

އަނެއްދުވަހު އިރު އެރުމުން ރަސްގެފާނު ވަޒީރާއެކު ޕޮންޑު ބަލައިލުމަށް ދިޔައެވެ. ޕޮންޑު ފެނުމާއެކު ރަސްގެފާނަށް ކޯފާ އިސްކުރެއްވިގެން ހަޅޭފުޅުލަވައިގަނެވުނެވެ. ވާނީވެސް އެހެން ނޫންތޯއެވެ. މާމުއި ޕޮންޑުގައި ހުރީ ހުސްފެނެވެ.

އަވަށުގެ އެންމެނަށްވެސް އައީ ފަގީރުސޮރުގެ ވިސްނުމެވެ. “ތިމާ ނުކުރިޔަސް އަނެކުން ކުރާނެ” ކަމުގެ ބުއްދިއެވެ. އެހެންކަމުން އާޚިރުގައި ކަންވީ ގޯހުން ގޯހަށެވެ. ބޮޑު ފުލޮޕަކަށެވެ.

އަދުގެ މުޖުތަމަޢުގައި ބޮޑެތި، މުހިއްމު ގިނަ ކަންކަން ހިނގަނީ މި ބީދައިންނެވެ. ދަރިން ތަރުބިއްޔަތުކުރުމުގެ މައިދާނަށް ބަލައިލިކަމުގައިވިޔަސް ފެންނަނީ މި މަންޒަރެވެ. ބެލެނިވެރިން ބުނަނީ ކުދިން ތަރުބިއްޔަތު ކުރަން ޖެހޭނީ ޓީޗަރުންނަށެވެ. ނުވަތަ ދެކެވެނީ ތިމާމެން އަޅާނުލިޔަސް ޓީޗަރުން އެކަން ކުރާނެ ކަމަށެވެ. ޓީޗަރުންނަށް ދެކެވެނީ މީގެ އިދިކޮޅަށެވެ. ދެން ވާނެގޮތް ވި ވަނީއެވެ. ކުދިން އުޅެނީ އުޅޭނި ގޮތަކަށެވެ. މަންމައާއި ބައްޕަވެސް އެދެމީހުންގެ ޒިންމާ އެކަކު އަނެކެއްގެ ބޮލުގައި އަޅުވަ އަޅުވާ ތިބެނީއެވެ. ދަރިން އެކަމުގެ ފައިދާ ނަގަނީއެވެ. އެންމެފަހުން ލޮލުގެ ފިނިކަން ކަމުގައިވާ ދަރިން ލޮލުގެ ކަރުނަކަމުގައި ވެ ނިމުނީއެވެ.

މުޅި ޤައުމު އޮތީ މި ދުޅައަށެވެ. ޤައުމުގެ ކަންކަން ގޯސްވުމުން އިދިކޮޅުޕާޓީ ވެރިކަންކުރާ ޕާޓީގެ ބޮލުގައި އަޅުވާ “ކަމުން ރެކެނީ” އެވެ. ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭކަންކަން އެއީ ރައްޔިތުން އަމިއްލައަށް ކުރަންޖެހޭ ކަންކަން ކަމުގައި ސަރުކާރުގެ ވެރިން ބުނެބުނެ ތިބެނީއެވެ. ރައްޔިތުން އަމިއްލައަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކޮށްދޭންޖެހޭ ކަމެކޭ ކިޔަކިޔާ ތިބެނީއެވެ. އެންމެފަހުން ތަރައްޤީ މިދަނީ ގަޔާ ދުރަށެވެ.

ކޮންމެ މީހަކުވެސް ވިސްނަންވީ ފަރުދީގޮތުން ތިމާގެ ވާޖިބު އަދާކުރުމުގައި އިސްނެގުމަށެވެ. އަނެކާ ކުރާނެކަމުގައި ބަލާ ތިމާ ކަމުން ރެކުމުން ދުރުވުމަށެވެ. ޤައުމު ތަރައްޤީވެ ކަންކަން ރަނގަޅުވާނީ އޭރުންނެވެ. ނޫނީ ހުރިހާކަމެއްވެސް ދާނީ ގޯހުން ގޯހަށެވެ. ކަންތައްވެ ނިމޭނީ ރަސްގެފާނުގެ “މާމުއި ޕޮންޑަށެވެ”