މަންމަގެ އާދޭސް

މަޢުލޫމާތު

ދަރިފުޅާއެވެ. މަންމަ މިހާރު މުސްކުޅިވެއްޖެއެވެ. ގައިބާރު ދެރަވެ އަޖޫޒުވެއްޖެއެވެ. ދުނިޔޭގައި ލައްކަ ދުވަހު އުޅެވިއްޖެއެވެ. ލައްކަގިނަ ތަޖުރިބާތައް ކުރެވިއްޖެއެވެ. އަރާ ކޮންމެ ތަރިއެއްވެސް މެދުއުޑުގައި އުޖާލާ ކަމާއެކު ހިނދުކޮޅަކު ފިޔަޖެހުމަށްފަހު އޮއްސެއެވެ. މަންމަގެ ތަރި އޮއްސެން ކައިރިވަނީއެވެ.

ދަރިފުޅާއެވެ. މަންމަ ދަރިފުޅު ބަލައި ބޮޑުކުރީ ނުހަނު ލޯބިންނެވެ. ނުވަމަަހާއި ނުވަދުވަސް ދަރިފުޅަށްޓަކައި ކެއްތެރިކަމާއެކު ވެއެތުކުރީމެވެ. ދަރިފުޅުގެ ފުރަތަމަ ރޮއެލުމުގެ އަޑަށް ކެތްމަދުވެފައި އިނީމެވެ. އެދުވަސްތައްވެސް ކުޑަހިނދުކޮޅެއްގެ ތެރޭގައި މާޒީއާ އެކުވެގެން ދިޔައެވެ. ދަރިފުޅު ދުނިޔެއަށް އައުމާއެކު މަންމަގެ ދިރިއުޅުމަށް ބަހާރުމޫސުން އައިފަދައެވެ. ގޭތެރެ ތިޔާގިވެ ކާރޫބާރު ބޮޑުވިއެވެ. ދަރިފުޅުގެ ޚިދުމަތުގައި ރޭދުވާ ހޭދަކުރީމެވެ. ދަރިފުޅުގެ ރުއިމާއި ހުނުމުގެ އަޑުން މުޅި ގޭތެރޭގެ ފަޅުކަން ފިލުވާލިއެވެ.

އުމުރަކަށްފަހު އުމުރެއް ދަރިފުޅުގެ ޙަޔާތުން ވެއެތުވަމުން ދިޔައެވެ. ދަރިފުޅު ކުޑަކުއްޖެއްގެ ޢުމުރު ފަހަނައަޅާ ޒުވާން ޢުމުރާ ކުރިމަތި ލިއެވެ. އޭރު މަންމަ މިވަނީ މުސްކުޅިވެފައެވެ. ދަރިފުޅުގެ ލޯތްބާއި އަޅާލުން ނުހަނު ބޮޑަށް ބޭނުންވެފައެވެ. ދަރިފުޅާއެވެ. މަންމައަށް މައާފުކުރާށެވެ. މަންމަގެ ފުށުން ދަރިފުޅު ހިތްހަމަ ނުޖެހޭ ކިތަންމެ ސިފައެއް ފެނިދާނެއެވެ. މަންމަމެންގެ އުޅުން ކުޑަކުދިންގެ އުޅުމެކޭ އެއްފަދަވާނެއެވެ. މަންމަގެ ގައިން ދުވާނީ މުސްކުޅިވަހެވެ. ދަރިފުޅާއެވެ. ކެތްތެރިކަމާއި އެކު މަންމައަށް ޚިދުމަތް ކޮށްދޭށެވެ.

ދަރިފުޅާއެވެ. ދަރިފުޅު ކުޑައިރު ފިހާރައިން ފެންނަ ތަކެތި ގަނެނުދީގެން ރޮއެ ބޮޑާހާކާ ހަނދާންވޭ ހެއްޔެވެ. މަންމަގެ އުޅުން މިއަދު ހުންނާނީ ހަމަ އެފަދަ ގޮތަކަށެވެ. ވީއިރު ދަރިފުޅު އެކަމާ ކެތްތެރިވާށެވެ. ދަރިފުޅު ކުޑައިިރު ފާޚާނާ ކުރެވުމުން މަންމަ ސާފުކޮށްދީ ހަދަނީ އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތިއެވެ. ނުހަނު ލޯބިންނެވެ. ވީއިރު މަންމަ ސާފުކޮށް ފެންވަރުވާ ހަދަންޖެހުމުން ހިތްބަރު ނުކުރާށެވެ. ދަރިފުޅު ކުޑައިރު މަންމަގެ ހުރިހާ ވަގުތެއް ހޭދަކުރީ ދަރިފުޅާ އެކުގައެވެ. ދަރިފުޅު ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމުގައި ވިޔަސް އެހުރިހާ ވާހަކަތަކެއްވެސް ކަނުލާ އަޑުއެހީމެވެ. ދަރިފުޅާއެވެ. ދަރިފުޅުގެ އަގުހުރި ވަގުތު ތަކުގެ ތެރެއިން ވަގުތުކޮޅެއް މަންމައަށްޓަކައި ހުސްކޮށްދޭށެވެ. މަންމަ ދައްކާވާހަކަ ހަމަނުޖެހުނަސް އެވާހަކަތަކަށް ސަމާލުކަން ދޭށެވެ. މަންމައަށް ފަޅުކަމާއި އެކަނިވެރިކަން އިހްސާސްވިޔަ ނުދޭށެވެ.

ދަރިފުޅާއެވެ. ހިލޭ މީހެއްގެ އަތްމައްޗަށް ދަރިފުޅު އެކަނި ދޫކޮށްލަން މަންމަ ޖެހިލުންވީމެވެ. އެއީ މަންމަގެ ހިތަށް ކެތްވާވަރުގެ ކަމެއްނޫނެވެ. ވީއިރު ދަރިފުޅު މަންމަގެ މި އަޖޫޒު ހަށިގަނޑު ހިލޭ މީހެއްގެ އަތްމައްޗަށް ދޫކޮށް ނުލާށެވެ. ދަރިފުޅުގެ އޯގާތެރި ފިރުމުންތަކުން މަންމަގެ މުސްކުޅި ބައްޔަށް ލުއިކަން ލިބެއެވެ. އެ ފިރުމުންތަކަށް ތާއަބަދު އިންތިޒާރު ކުރަމުއެވެ. ދަރިފުޅާއެވެ. މަންމައަށް ޓަކައި ހެޔޮދުޢާ ކޮށްދޭށެވެ. މަންމަގެ ހިތުގައި ދަރިފުޅަށްޓަކައި މިއޮތް ވަރުގަދަ ލޯބި ހީނަރުވިޔަ ނުދޭށެވެ. ދަރިފުޅަށް ކާމިޔާބާއި ފަލާޙް އޮތީ އެގޮތުގައެވެ.