އޭރުގެ ހަނދާންތައް (1)

މަޢުލޫމާތު

ކުއްލިޔަކަށް ހޭލެވުނީ ގަހުން ފުންމާލި ކުކުޅެއް އައިސް ގޭގެ ބިއްގަނޑުގައި ޖެހިގަން އަޑަށެވެ. އޭރު އަދި ކިރިޔާ 6 ޖަހަނީއެވެ. ހޭލެވުނުލެއް އަވަސްކަމުން ހިތަށްވެރިވި މާޔޫސްކަމާއެކު ބޭރަށްނިކުމެ ރައްޓެއްސަކު ފެނޭތޯބަލައިލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. އަދި އޭރު އެކަކަށްވެސް “މޯނިންގ” ( މި ބަސްބަސް ބޭނުންކޮށްފައިވާ މާނަ ލިޔުމުގެ ތިރީގައި ހިމަނާފައި ބަސްކޮށާރުގައި ލިޔެފައި ވާނެ)  ނުވަނީ ތޯއްޗެކެވެ.

ގެއިން ނިކުމެ ހިނގައިގަތީ އަތިރިޔާ ދިމާލަށެވެ. އަތިރިޔަށް ނުކުމެ ފާލާމަށް އަރާ މޫދު ރަނގަޅަށް ބަލައިލައިފީމެވެ.  އެންމެ ކުއްޖަކުފިޔަވާ ކުއްޖެއްގެ ހިލަމެއް ނެތެވެ. އޭރު  އޭނާ މޫދު “ހުޅުވައިފި”އެވެ. އެކަކުވެސް ނެތުމުން އެރޭހިތެއް ނުވިއެވެ. އޭރު ހޮޅުއަށީގައި އިން ދެވަންފުރާގެ މީހަކު ހުޅިނަގާފައި ފާލާމާ ދިމާލަށް އާދެއެވެ. އަވަހަށް ފޭބުމަށް ދުއްވައިގެންފީމެވެ. އެމީހަކު ގޮވާލިއެވެ.

“އަރާ އަރާ އަރާ……”

އެމީހާގައިން ސަލާމަތްވެގެން ފާލާމުން ފޭބުނީ ހަމަކިރިޔާއެވެ. (އެ ޒަމާނުގައި ކުޑަކުދިން ފާލާމަށް އަރާއިރަށް ބާލުވާނެއެވެ. “އަރާ އަރާ” ގޮވާލުމުން އެ ފައިބަންވީކަން ކޮންމެ ކުއްޖަކަށްވެސް އެނގޭނެއެވެ.)

ކުޑަކޮށް އަތިރިމަތީ ބުރު ތަޅާލުމަށް ފަހު ގެއަށް އާދެވުނުއިރު 8 ގަޑި ބައިވެއްޖެއެވެ. ހިތަށް އެރިއެވެ. މިއަދުމީ ބުރާސްފައްޗެވެ. ” އެބައުޅެއޭ އެބައުޅެއޭ” އަޑުއަހަން މިހާދެވުނީ ހަމަ ކިރިޔާއެވެ. އަވަހަށް ފާރުގައި ޖަހާފައިވާ މޮހޮރެއްގައި އަޅުވާލާފައިހުރި ނެޝަނަލް ބްރޭންޑްގެ ރޭޑިޔޯނަގާ ހުޅުވާލައިފީމެވެ. ބޭރު ތަންތަނުން “ޗޭސް ޕޭސް” ލައްވާވަރުން ކިޔާ އެއްޗެއް ސާފުވަނީ ހަމަ ކިރިޔާއެވެ. އެހާލުގައި އެހެނަސް ވަރަށް ޝައުގުވެރިކަމާއެކު އަޑުއަންއިންދާ ޒާހިދާދައްތަ އެ ޕޮރޮގްރާމު ނިންމާލައިފިއެވެ.

ދެން ސައިބޯލައިގެން ނިކުތީ މޫދައްދާ ގުރޫޕަކާ ދިމާވޭތޯއެވެ. އޭރު ތިންމަންގަނޑުމަތީ ދެތިންކުދިން ކުކިން އޮއިލް ފުޅިން “ވައިފުޅި” ހަދައިގެން މޫދައް ދިޔުމަށް ސައްލާކުރަން ތިއްބެވެ. އެކަކު އަތުގައި “ބެއްޅިއެއް”ވެސް އޮތެވެ. އަހަރެންވެސް އެކުދިންނާއެކު މޫދައްދާން ރެޑީވާން ގެޔައްދިޔައީމެވެ.

ބަދިގޭގައި ހުސްވެފައިހުރި ދެ “ކޮކިންއޮއިލް ތެޔޮފުޅިން” ވައި ފުޅިޔެއް ރެޑީކޮށްގެން އެންމެންނާއެކު ނައްޓާލައިފީމެވެ. ދިޔަގޮތަށްގޮސް ފާލާމަށް އަރާ ގަމީސް ބާލާ ފަޑީގައި އައްސާލައިފީމެވެ. އޭރު ކުދިން ފާލާންމަތިން ގޮތްގޮތަށް ބުރުއަޅައެވެ. ފަހަތަށް ބުރުއަޅަށް މާ މަޝްހޫރު ސޮރަކު އޭނާގެ މޮޅުކަން ދައްކަންހުއްޓެވެ. އޭރު މަށާއެކު އައި ކުދިންތައް ފަހަރު ކުއްޖަކު މޫދަށް ޑައިވް ޖަހައެވެ. މަވެސް ޑައިވް ޖަހާލައިފީމެވެ. އެދިޔަގޮތަށްގޮސް މޫނުވިދުނީ އެތާއޮތް ތިލަ ގަނޑުގެ ފަސްގަނޑުގައެވެ.

މައްޗަށްއަރާ ބަލައިލިއިރު ކުދިންތައް ޗޭކުކުޅެން ދޯންޏެއްގެ ކައިރީގައި އުޅެއެވެ. ގޮސް ލައްވާނަންހޭ އެހިތަނާ އެތަނުން ކުއްޖަކު “ލައްވާ” ވެރިޔާ މިއީއޭ އަދި އެއީ “ފޯޓުކުރާ” ވެރިޔާއޭބުނެ ދެވެރިން ދައްކައިފިއެވެ. ދެން ލައްވާވެރިޔާ ކައިރީ ލައްވާށޭ ބުނުމުން ލައްވައިފިއެވެ.

ޗޭކުކުޅުމަކީ އޭރު މޫދުގައި ވަރަށް އާންމުކޮށް ކުޅޭ ކުޅިވަރެކެވެ. އެކުޅިވަރުގައި އެއްކުއްޖަކު ދޯނީގެ އެއްފަރާތުގައި ތިބޭއިރު އަނެއް ހުރިހާކުދިން ތިބެނީ ދޯނީގެ އަނެއް ފަރާތުގައެވެ. ހުރިހާކުދިންވެސް ތިބެނީ ދޯނީގައި އެލިގެން މޫދު ތެރޭގައެވެ. ދެން ޗޭކު ގޮވުމުން އަނެއްފަރާތުގައި ޗޭކަކަށްވެގެން ހުރިކުއްޖާ އައިސް އެހެންކުދިންގައިގާ އަތްލާ ކުދިން ހުސްކުރާނީއެވެ. މީގައި އެންމެ މޮޅުކުދިންނަކީ އޮޑި ދަށުން ދެވޭ ނޭވާދިގު ކުދިންނެވެ.

އެޒަމާނުގައި އަހަރެމެން އެންމެ ބިރުގަންނަ ތަނަކީ ބޮޑު ފުންގަނޑެވެ. އެއީ ފާލާމުގެ ކޮޅާދިމާލުގައި އޮޑި އެޅުމަށް ކޮނެފައިވާ ފުން އޮޅެކެވެ. ދުވަސް ދުވަސްކޮޅުން އެތަން ތިލަވުމުން ރައްޔިތުން ނިކުމެ އެތަން ފުންކޮށްހަދައެވެ. އެދުވަސްވަރު “ގަދަ” ކުދިން އެހެން ކުދިންނާ ދިމާލަށް ބިރުގެންނެވުމުގެ ގޮތުން ބޮޑުފުންގަނޑަށް އަޑިގުންބާނަމޭ ބުނެއުޅެއެވެ. އެހެން ބުނެފިނަމަ ކުދިން ވަރަށް ބިރުގަންނާނެއެވެ.

މޫދުގައި ތިބެތިބެ ހީކަރުވައިގަތުމުން އެއްގަމަށް އަރައިފީމެވެ. އޭރު އެއްބަޔަކު ހީފިލުވަން ރަށުއޮފީސް ކުރިމަތީގައި އޭރު އޮޑިއެއް ބަންނަން ކޮނުނު ވަޅުގަނޑުން ނަގާފައިވާ ކަޅު ފަސްފުނިމަތީގައި ތިއްބެވެ. އެއްބަޔަކު އިނގިލިތައް ފަސްގަނޑުތެރެއަށް ކޮށްޕާލައިގެން ނިޔަފަތިތަކަށް “މާއަރުވަނީ”އެވެ. އެހެންތިބެ ތިބެފާ ހޫނުވުމުން އަނެއްކާވެސް މޫދަށް އެރެނީއެވެ. ބަންދު (ބުރާސްފަތި އަދި ހުކުރު) ދުވަހެއްވިއްޔާ ހުރިހާކުދިންވެސް މިހެން އުޅެއުޅެ މޫދުން އަރާނީ އަސުރު ފަހުންނެވެ. އެންމެ ފަހުން މޫދުން އެރުމުގެ ލަގަބު އޮންނާނީ އާންމުގޮތެއްގައި ވަކި ކުއްޖެއްގެ އަތުގައެވެ. (ނުނިމޭ)


ބަސްކޮށާރު (މާނަކޮށްފައި މިވަނީ ލިޔުމުގައި ބޭނުންކޮށްފައިވާ ހާލަތަށް)


# މޯނިންގ ވުން – ނިދިން ހޭލުން

# މޫދު ހުޅުވުން، މޫދު ލެއްޕުން – އެޒަމާނުގައި އާންމުކޮށް އެހެންމީހުންނަށްވުރެ ކުރިން ވަކިކުއްޖަކު މޫދަށް އެރި އުޅޭތީ މަޖާޒީގޮތުން ބުނެއުޅޭ ބަހެއް.

# ޗޭސް ޕޭސް ލެއްވުން – ބޭރު ބަސްބަހުން (މާނަ ނޭގޭ ބަސްބަހުން) ވާހަކަ ދެއްކުމަށް ބުނެއުޅޭ ބަހެއް

# ތިންމަންގަނޑު – ދެމަގު ގުޅޭ ހަތަރު އަނގޮޅި

# ވައިފުޅި – ކައްކާތެޔޮހުސްކުރި ދެފުޅި ބޭނުންކޮށްގެން ފެންމަތީ އޮތުމަށް ތައްޔާރުކުރާ އާލާތެއް. މިއެތި ހަދާފައި ހުންނަނީ ވާގަނޑެއްގެ އެއްކޮޅު އެއްފުޅިގެ އަތްގަނޑުގައި އައްސާ އަދި އަނެއްކޮޅު އަނެއްފުޅީގެ އަތްގަނޑުގައި އައްސާފައި މޫދުގައި އޮންނައިރު ވާގަނޑު ބަނޑުދަށުގައި ލުމުން ދެފުޅި ކުއްޖާގެ ދެފަރާތުގައޮންނަގޮތަށް.

# ބެއްޅި- ރާޅާ އެޅުމަށް ގެންގުޅޭ ފިލާ

# ކޮކިން އޮއިލް ތެޔޮފުޅި- ކައްކާތެޔޮ ފުޅިއަށް ދިވެހިން ކިޔައިއުޅޭ ނަން

# ލައްވާ ވެރިޔާ – ކުޅިވަރުގައި ކުދިން ބައިވެރިކުރުމުގެ ބާރު އޮންނަ ކުއްޖާ

# ފޯޓުކުރާ ވެރިޔާ – ކުޅިވަރުން ކުދިން ކަނޑާލުމުގެ ބާރު އޮންނަ ކުއްޖާ ( މި ދެވެރިންނަކީ މުސްތަޤިއްލު ދެވެރިންނެވެ)

# ގަދަކުދިން – ކުދިންގެތެރޭގައި އުޅޭ އެކުދިންނަށްވުރެ ޢުމުރުން ތަންކޮޅެއްބޮޑު، ހަށިގަނޑު ދުޅަހެޔޮ، ބާރުގަދަ ކުރިން، އާންމުކޮށް އެހެން ކުދިންގެ މައްޗަށް މިކުދިން ބާރުފޯރުވާ އަދި ބްލީ ކޮށް ހަދާއުޅޭ

# އަޑި ގުންބުން – މޫދު އަޑިއަށް މޫނު ގަންބާލާ އަޑީގައި ހިފެހެއްޓުން

# ނިޔަފައްޗަށް މާ އެރުން – ނިޔަފަތީގެ ދަށުގައި ހުދުކުލައިގެ ލަފެއްޖެހުން. އޭރު ކުދިން ގަބޫލުކުރާގޮތުގައި އެހެންވަނީ ނިޔަފަތި ހޫނު ކުރުމުން