މީޑިއާގެ ޙާލަތު

މަޢުލޫމާތު

މިއީ 30 ޑިސެމްބަރު 2011ގައި އޭރުގެ ޙާލަތުގެ މައްޗަށް ބިނާކޮށް ޖާޑިނޫހަށް އަޅުގަނޑު ލިޔުނު ލިޔުމެކެވެ. ތާރީޚަށްޓަކައި މިތާ ނަކަލުކޮށްލީއެވެ. މިހާރާއި އޭރުގެ ހާލަތުގައި ފަރަގުތަކެއް އެބަހުރިތޯއެވެ؟


ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކައަކީ އަބަދުވެސް ވަރަށް ފުޅާ ދާއިރާއެއްގައި ދެކެވޭ ވާހަކައެކެވެ. އަދި މިކަމާއި މެދު ހަމައެކަނި ވާހަކަދެކެވިފައި ހުއްޓާލީކީ ނޫނެވެ. އެކަމާއި، ބަހުޘްކުރެވި އަދި އެމިނިވަންކަމަކަށްޓަކައި މާޒީގައި ބަޔަކު ވަރަށް ބޮޑެތި ޤުރުބާންތަކެއް ވެފައިވެސް ވެއެވެ.
މިއަދު މިވަނީ އެ މިނިވަންކަން ލިބިފައެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އިސްލާމް ދީނާ ޚިލާފުނުވާ ގޮތުގެމަތިން އެމީހަކު ދެކޭގޮތް ހާމާކުރުމަކީ އެމީހަކަށް ލިބިދޭ ހައްޤެކެވެ. މިހައްޤުގެ ބޭނުން މިއަދު ހިފަމުންދަނީ ރަނގަޅު ގޮތުގައިތޯ؟ މިއީ ކޮންމެ މީހެއްގެ ހިތުގައިވެސް މިއަދު އުފެދިފައިވާ ސުވާލެކެވެ. މި ސުވާލުގެ ޖަވާބު ހޯދާލުމަށްޓަކައި މީޑިއާތަކަށް (ޚާއްޞަކޮށް ޚަބަރުފަތުރާ ވަސީލަތްތަކަށް) ބަލައިލަމާތޯއެވެ.
ޚަބަރު ފެތުރުމަށްޓަކައި ބޭނުންކުރާ ޓީވީގެ ހާލަތަށް ބަލައިލާއިރު މި ފެންނަނީ މުޅި އިސްކިރީނު ވަކި ކުލަޔަކުން ތަތްތެޅިފައިވާ ތަނެވެ. ސަރުކާރު ޓީވީން ފެންނަނީ މުޅިންވެސް ސަރުކާރުގެ މޮޅު ވާހަކަޔާއި ފޮނި ބައިސާތަކެވެ. ކޮށްދީފައިވާ ކަންކަމުގެ ވާހަކަޔާއި ކޮށްދޭން ހިތުއަޅާފައިވާ ކަންކަމުގެ ވާހަކައެވެ. ސިޔާސީ އަންބާތަކާއި ހިތްރުއްސާ ފަރިހިތަކެވެ. މީގެ އަނެތްފަރާތް ކަމުގައިވާ އެހެން ޓީވީތަކުގެވެސް ހާލަތުހުރީ ހަމަ މިފަދައިންނެވެ. ފެންނަނީ ސަރުކާރުގެ އަގުވައްޓާލަން ކުރެވުނުހާކަމެއް ކުރާތަނެވެ. ކަމުގެ ނުބައިފަރާތް ދައްކައިގެން ރައްޔިތުންގެ ފިކުރާ ކުޅޭތަނެވެ. ސަރުކާރަށް ކޮށްނުދެވިހުރި ކަންކަމުގެ ވާހަކައިން ރައްޔިތުންގެ ހިތްމަރާލާތަނެވެ. އިދިކޮޅު ފަރާތަކުގެ މޮޅުކަމާއި ބަނިޔާދަންކަމުގެ ވާހަކައެވެ. “އަހަރެމެން ނަމަ ތިހެން ނުވީހޭ” ބުނެ އާޅެން ކިޔާތަނެވެ.

ޗާޕް މީޑިއާތަކާއި އޮންލައިން ނޫސްތަކުގެ ހާލަތުވެސް ވަކި ސަހަލެއް ނޫނެވެ. ކުޑަކުޑަ ކަމެއްވެސް އިންތިހާއަށް ބޮޑުކޮށް އެކަމުގެ ފައިދާ ނަގަން (ކިޔުންތެރިންގެ ސަމާލުކަން ހޯދުމަށް) މަސައްކަތް ކުރާ ފަހަރު މަދެއްނޫނެވެ. ބޮޑެތި ޙުކުމްތައް ކަނޑައެޅިފައިވާ މައްސަލަތައްވެސް ތޯތޯ ވާހަކައެއްގެ މައްޗަށް ބިނާކޮށް ނޫހުގައިލިޔެ އާންމުކުރަނީ މަދެއްކޮށެއް ނޫނެވެ. މީހެއްގެ މައްޗަށް ކަމެއް ތުހުމަތުކުރެވޭއިރަށް އެމީހެއްގެ ފޮޓޯއާއެކު އެމީހާގެ ވަނަވަރު ހާމަކޮށް ފަޟީހަތްކުރެވޭއިރު އާޚިރުގައި އެއީ ސާބިތުނުވާ މައްސަލައެއްގެ ގޮތުގައިވެސް ނިމިފައި އެބަހުއްޓެވެ. ޒަމާނީ ޓެކްނޮލޮޖީއާއި ބާރުގަދަ ސޮފްޓްވެއަރގެ އެހީގައި ފޮޓޯ/ ވީޑިއޯފަދަ ތަކެތީގެ އަސްލު އޮޅުވާލާ ވާހަކަ ނުއަތަށްއަބުރާލާ ފަހަރުވެސް އަންނަނީ މަދެއްކޮށެއްނޫނެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން މިއަދު އަޅުގަނޑުމެނަށް މިހިފެނީ މިފަދަ ގޮތަކަށެވެ. މީ މިއަދު އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނާ އެކަންކަމަށް ހެޔޮ ބަދަލު ގެންނަންވެއްޖެ ކަންކަމެވެ. ތިމާގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ އަނެކާގެ މިނިވަންކަމަށް އަރައި ނުގަނެއެވެ. މިނިވަންކަމޭބުނެ އަނެކާގެ އަބުރަށް އަރައިގަނެ އަދި ތިމާމެން ގަބޫލުކުރާގޮތް ކުރިއެރުވުމަށްޓަކައި ދޮގާއި މަކަރުހަދާ މީސްތަކުންގެ ސިކުނޑިތަކަށް ސަވާރުވުމުގެ ސަބަބުން މުޖުތަމައު މިވަނީ ބައިބައިވެފައެވެ. ފަސާދަ އާންމުވެފައެވެ. އަދަބު އިޙްތިރާމްކުރުމުގެ ސިފަ މިވަނީ ވަޅުޖަހާފައެވެ.

މީޑިއާގެ ހާލަތު މިފަދައިން އޮތްނަމަވެސް ބައެއް ފަރާތްތަކުން ވަރަށް ހަމަހަމަ ގޮތެއްގައި މީޑިއާގެތެރޭން ޚަބަރު ފަތުރަމުންދާކަމީ އުފަލާއެކު ފާހަގަކުރާ ކަމެކެވެ. އަޅުގަނޑުމެންގެ ކޮންމެ ފަރުދެއްގެވެސް އަޒުމަކަށް ހަދަންވީ މިފަދަ މިނިވަންކަން އޭގެ އެންމެ ރަނގަޅުގޮތުގައި ބޭނުން ހިފުމަށެވެ. އެއްބައިވަންތަ ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެމި ތިބެވޭނީ އޭރުންނެވެ.