މަންމަ އެނބުރި އައިއިރު

ވާހަކަ ދީނީ

ދިމިޝްޤުގައި އުޅުނު ޒުވާނެކެވެ. އޭނާ ޤަޞްދުކުރީ މަތީ ތަޢުލީމު ޙާޞިލު ކުރުމަށް ޤައުމުން ބޭރަށް ދާށެވެ. އޭނާގެ މަންމަ އޭނާ ދެކެ ވަރަށް ލޯބިވެއެވެ. އަދި އޭނާއަށް ވަރަށް ބޮޑަށް އަޅާލައެވެ. އެމަންމަ އޭނާ ބޮޑުކޮށްފައި ވަނީ އެކަނިމައި އެކަނިއެވެ. ބުރަ މަސައްކަތްތަކާ އެކުގައެވެ .މިއަދު އެ މަންމަ ވަނީ ފަޚުރުވެރިވެފައެވެ. ކޮންމެ މަޔަކަށް ނަމަވެސް ވާނީ މިހެނެވެ.

“މައިވަންތަކަމުގެ އުފަލަކީ ހާދަ ބޮޑު އުފަލެކެވެ” . މަންމަ އަމިއްލަ އަމިއްލައަށް ކިޔާލިއެވެ. އެއް އިރެއްގައި މިޒުވާނާއަކީ މަންމަގެ ހެދުމުގެ ފަސްބައިގައި އެލިގަނެގެން އުޅުނު ކުޑަ ކުއްޖެކެވެ. އޭނާގެ ތުއްތު ދުވަސްވަރު ވެސް މަންމަގެ ހިތަށް ވަނެވެ. އެއީ، މައިމީހާގެ އެހީއާނުލައި އެއްވެސް ކަމެއް ދަރިފުޅަށް ނުކުރެވުނު ދުވަސްވަރެވެ. އުރާލައިފިނަމަ، ބާރަށް ކަރުގައި ބައްދާލި ދުވަސްވަރެވެ. އެކަމަކު މިހާރު ބަލައިލަ ބަލާށެވެ. ދަތުރަކަށް ތައްޔާރުވަނީއެވެ.

ޒުވާނާގެ ފްލައިޓް ފުރާގޮތަށް އޮތީ ވަރަށް ހެދުނާއެވެ. މަންމަ ސައި ތައްޔާރު ކުރިއެވެ. އަދި މި ދިގު ދަތުރަށް ބޭނުންވާނެ ހުރިހާ ކަމެއް ވަނީ ފުރިހަމަަކޮށްދީފައެވެ. މަންމަގެ ހެޔޮކަމާއި، އަޅާލުން ހުރި މިންވަރުން، މަންމަ އެ ދަރިފުޅު ދެކެ ވާ ލޯބި އެނގެއެވެ. ޒުވާނެއްގެ ގޮތުގައި އެ ދަރިފުޅު ވަނީ ހިތް އަވަސް ކަންމަތީގައެވެ. މައެއްގެ ހައިޘިއްޔަތުން ދަރިފުޅުގެ މަންމަ ހުރީ ފަޚުރުވެރިވެފައެވެ.

ފަތިހު މަންމަ ރޭޑިއޯ އަޑުއަހާލިއިރު، އެ ދިމާލަށް ވަރަށް ވަރުގަދަ ތޫފާނެއް އަންނަ ވާހަކަ ކިޔެވެ. މި ދަތުރުގައި ދަރިފުޅު މަރުވެދާނެކަމުގެ ބިރަށް މަންމަ ޤަޞްދު ކުރީ އޭރު އަދި ނިދާފައި އޮތް ދަރިފުޅަށް ނުގޮވާށެވެ. ދެން މަންމަ ދިޔައީ މާރުކޭޓަށެވެ. ދަރިފުޅަށް އެންމެ މީރު ކެއުން ތައްޔާރުކޮށް ދިނުމަށް އެއްޗެހި ގަންނާށެވެ. މަންމަގެ ނިންމުމަކީ އެހެން ދުވަހެއްގެ ފްލައިޓަކުން ދަރިފުޅު ފޮނުވުމެވެ.

މާރުކޭޓުން އެނބުރި އައިސް، ދަރިފުޅުގެ ކޮޓަރީގެ ދޮރުމަތީ ހުއްޓިފައި މަންމަ ދަރިފުޅަށް ގޮވާލިއެވެ. މަންމަ ހުރީ ވަރަށް އުފާވެފައެވެ. އެއީ، ދަރިފުޅާއެކު ވަގުތު ހޭދަކޮށްލުމަށް އަދި ދެތިން ދުވަހެއް ލިބޭނެތީއެވެ. މަންމަ ދަރިފުޅަށް ގޮވާލިއެވެ. ޚަބަރެއް ނުވިއެވެ. އޭނާ ވަނީ އެރޭ ނިދާން އޮއްވާ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކޮށްފައެވެ.

ލިޔުން: މުސްޠަފާ

= މިލިޔުން ނަގާފައިވަނީ ދަރުމަ މަޖައްލާގެ ޖުލައި 2003ގެ ޢަދަދުންނެވެ.