ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (8)*ފަހުބައި

ދީނީ

ޖެހިގެންއައި ދުވަހުގެ ހަވީރު ސަލްމާން އަބޫ އައްޔޫބުލްއަންޞާރީގެ ގެއަށް ދިޔައިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ ޞަޙާބީން ތިއްބެވީ މީހެއްގެ މައްޗަށް ކަށުނަމާދު ކުރައްވާށެވެ. ސަލްމާން ވަށައިގެން ބަލައިލިއިރު މަޛްބަޙެއްވެސް އަދި ފޭރާމެއްވެސްނެތެވެ. ﷲ އަށް އެމީހުން އަޅުކަންކުރަނީ ކޮން އެއްޗެއް ބޭނުންކޮށްގެންތޯ ސަލްމާން އެތަނުން ބޭކަލެއްކުރެން އަހާލިއެވެ. ﷲ އަހަރެމެންނަށް ދެއްވި ތަކެތިންނެވެ. އަހަރެމެންގެ ހަށިތަކުންނާއި އަހަރެމެންގެ އަޑުތަކުންނެވެ. އޭނާ ޖަވާބުދިނެވެ.

ކަލޭމެންގެ ފާދިރީ އަދި ޝަފީޢު ކޮބައިހެއްޔެވެ؟ ސަލްމާން ސުވާލުކުރިއެވެ.

އަހަރެމެންނަކަށް ޝަފާޢަތްތެރިވާނެ މެދުވެރިއަކު ބޭނުމެއްނުވެއެވެ. ﷲ ތަޢާލާ އަހަރެމެންގެ ދުޢާތައް އައްސަވާވޮޑިގެންވެއެވެ. ސަލްމާން ވަނީ ޙައިރާންވެ އަންތަރީސްވެފައެވެ. މިފަދަ ސާދާ އަދި ސީދާ ދީނެއް އޭނާގެ ޚިޔާލަށްވެސް ނުގެނެވެއެވެ. ކިޔެވެމުންދިޔަ ޔާސީން ސޫރަތަށް އަޑުއަހާލުމުން އޭނާގެ ހަށިގަނޑު އަޅުކަމުގެ ޝުޢޫރުތަކުން ފުރިގެންދިޔައެވެ.

ނަމާދު ނިމުމުން އިތުރު ރަސޫލާއަށް ސަލާމްދެންނެވުމަށްޓަކައި ސަލްމާން ކުރިއަށްޖެހިލިއެވެ. އަދި އިތުރު އެކަލޭގެފާނުގެ ފަހަތްޕުޅުން ޖާގައެއް ހޯދައި އެތަނުގައި އިށީނެވެ. އެކަލޭގެފާނު އިންނެވީ އެކަލޭގެފާނުގެ ފޮށާކޮޅާއި، ދޫ ރިދާކޮޅެއް ތުރުކުރައްވައިގެންނެވެ. އެކަލޭގެފާނު ކުޑަކޮށްނަމަވެސް ފަރާތަކަށް އެބުރިވަޑައިގެންނެވިނަމަ އެކަލޭގެފާނުގެ ދެ ބޮބިފަޅިފުޅު ދެމެދުން އެކަލޭގެފާނުގެ ނަބީކަމުގެ ސިއްކަ ސަލްމާނަށް ފެނުނީހެވެ.

އިރުކޮޅަކު އިންނެވުމަށްފަހު އެކަލޭގެފާނުގެ ފަހަތްޕުޅުގައި ކޮންމެވެސް މީހަކު އެކަލޭގެފާނުގެ ބުރިކަށިފުޅަށް ބަލަންއިންކަން އިޙްސާސްވެވަޑައިގަތެވެ. އެނބުރިވަޑައިގެން ބެއްލެވިއިރު އެކަލޭގެފާނަށް ސަލްމާން ފެނިވަޑައިގަތެވެ. ސަލްމާނުގެ މަޤްޞަދު އެގިވަޑައިގަތްކަމުންތާއޭ އެކަލޭގެފާނުގެ ރިދާކޮޅު ކުޑަތަންކޮޅެއް ތިރިއަށްޖައްސަވާލެއްވިއެވެ.

ސަލްމާނުގެ އަމިއްލަ ލޮލުން ނަބީކަމުގެ ސިއްކަ ފެނުނުހިނދު އޭނާގެ ހިތް ޝުކުރާއި އުފާވެރިކަމުން ފުރިބަންޑުވެގެންގޮސް ހިފެހެއްޓުމެއްނެތި އޭނާއަށް ރޮވުނެވެ. އިތުރު އެކަލޭގެފާނުގެ މާތް އަތްޕުޅުން ސަލްމާނުގެ ގައިގައި ހިއްޕަވާލައްވައި ސުވާލުކުރެއްވިއެވެ. ކުއްޖާފުޅާއެވެ. ކަލެއަށްވީ ކިހިނެއްހެއްޔެވެ؟ ކަލެއަށް ތިޔަފަދަ އަސަރެއްކުރީ ކޮން ކަމަކުންހެއްޔެވެ؟

ޞަޙާބީން އެބޭކަލުން ދައްކަވަމުންގެންދެވި ވާހަކަތައް ހުއްޓާލެއްވުމަށްފަހު ރޮނީ ކާކުތޯ އަދި އިތުރު ރަސޫލާ ވިދާޅުވަނީ ކީކޭތޯ ބައްލަވަންތިއްބެވިއެވެ.

ސަލްމާނުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާފައި ހަމަޖެހިލަން އޭނާ މަސައްކަތްކުރިއެވެ. އަދި އިތުރު ރަސޫލާގެ ފަރާތްޕުޅުން ލިބުނު ހިތްވަރާއެކު ތެދުމަގު ހޯދުމަށް އޭނާ ކުރި ދިގު ދަތުރުގެ ވާހަކަ ތަންކޮޅަކަށްފަހު ތަންކޮޅެއް އޭނާ އެބޭކަލުންނަށް ކިޔައިދިނެވެ.

އެންމެފަހުން އޭނާ ބުންޏެވެ. ކަލޭގެފާނާމެދު އުސްޤުފް ބުނި ހުރިހާ ޢަލާމާތްތަކެއް އަޅުގަނޑަށް މިހާރު ކަށަވަރުވެއްޖެއެވެ. އެއްކައުވަންތަ ﷲ އަށް އަޅުކަންކުރުމުގެ ތިޔަ ދީނަށް އަޅުގަނޑު ވަންނަން ބޭނުންވެއެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި އަޅުގަނޑު ހޯދަން މި މަސައްކަތްކުރާ ޙައްޤު ދީނަކީ ތިޔައީއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްތަށިފުޅުން އިސާރާތްކުރެއްވިއެވެ. އެކަލޭގެފާނު އިންނެވީ ސަލްމާނުގެ ވާހަކައާމެދު ހިތްހަމަޖެހިވަޑައިގެންނެވެ.

އެތައް އަހަރެއްފަހުން އެ ހިތްގައިމު ދުވަހާމެދު ވާހަކަދެއްކިއިރަކު ސަލްމާން ބުންޏެވެ. އަޅުގަނޑުގެ ވާހަކައިން އެހުރިހާ ބޭކަލުން ތިއްބެވީ ވަރަށް ޙައިރާންވެވަޑައިގެންފައެވެ. އަދި އަޅުގަނޑު އިސްލާމްވާން ބޭނުންވާ ވާހަކަ ދެންނެވުމުން އެންމެ ބޭކަލުން ތިއްބެވީ ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެންފައެވެ.

ސަލްމާން މިހާރު ވަނީ ހިތްހަމަޖެހުމާއި ޝައުޤުން ފުރިފައެވެ. ނަމަވެސް އިތުރު އެކަލޭގެފާނުގެ ޞަޙާބީއަކަށްވުމަށްޓަކައި އަޅުވެތިކަމުން ސަލާމާތްވާންޖެހޭނެކަން އޭނާއަށް އެގެއެވެ. އެކަން އޭނާ ކުރާނީ ކިހިނަކުންބާވައެވެ. އޭނާގެ ހިތަށް އެރިއެވެ. އޭނާގެ ކުރިމަގާމެދު ސަލްމާން ވިސްނާލިއެވެ. ފަހެ އޭނާގެ ތަޤްދީރު ބަދަލުކުރާނެ ގޮތެއް އޭނާއަކަށް ނުވިސްނެއެވެ. ޞަޙާބީން ތިއްބެވީ ސަލްމާނަށް އެހީތެރިވެވަޑައިގަންނަވަން ޢަޒުމްކަނޑައަޅުއްވައިގެންނެވެ. އެހެނީ އެބޭކަލުން އޭނާދެކެ ވަރަށް ލޯބިފުޅުވެއެވެ. އެންމެފަހުން ސަލްމާނުގެ ޔަހޫދީ ޞާޙިބުކަލޭގެ ޔަޤީނުންވެސް އޭނާ އަޅުވެތިކަމުން މިނިވަންކޮށްފާނެ ރޭވުމެއް އެބޭކަލުންނަށް ތަދުބީރުކުރެވިއްޖެއެވެ. ސަލްމާން ގޮވައިގެން އެއްފަރާތަކަށް ޖެހިވަޑައިގެންފައި އެބޭކަލުން އޭނާއަށް ވިދާޅުވިއެވެ. އަޚާއެވެ. އަޅުގަނޑުމެން މި ބުނާ ވާހަކަ އަޑުއަހާށެވެ. އަދި މި ވާހަކަ މެދުކަނޑާނުލާށެވެ. އަދި މިކަމަށް އިންކާރުވެސް ނުކުރާށެވެ. ތިބާ އަޅުވެތިކަމުން ސަލާމަތްވާންވާނެކަން ތިބާއަށް ރަގަޅަށް އެނގޭނޫންހެއްޔެވެ؟ އެހެންކަމުން އަޅުގަނޑުމެންގެ ލަފާ ޤަބޫލުކުރާށެވެ.

އެބޭކަލުން ހައްދަވާނެގޮތް ކިޔައިދެއްވައި ނިންމަވަންދެން ސަލްމާން އަޑުއަހަން އިނެވެ. އެއަށްފަހު މުސްލިމް ޖަމާޢަތުގެ ފަރުދުންގެ އަތުން އެބޭކަލުން ހޯއްދަވާފައިވާ 40 އައުންސުގެ ރަން އެބޭކަލުން އޭނާއަށް ދެއްވިއެވެ. ސަލްމާނަށްކުރި އަސަރެއްގެ ބޮޑުކަމުން ބުނާނެ އެއްޗެއް ނުއެގިފައި އެތައް އިރަކު އިނުމަށްފަހު އެ ހަދިޔާ އިންކާރުކުރަން މަސައްކަތްކުރިއެވެ. ނަމަވެސް ޞަޙާބީން އެގޮތް ޤަބޫލެއްނުކުރެއްވިއެވެ.

އޭގެ އަނެއްދުވަހު ސަލްމާން އޭނާގެ ޞާޙިބުމީހާގެ ގާތަށްގޮސް ބުންޏެވެ. އަޅުގަނޑު މިނިވަންވާން ބޭނުންވާކަން މަނިކުފާނަށް އެގިވަޑައިގަންނަވާނެއެވެ. އަޅުގަނޑުގެ އަތުގައި 40 އައުންސުގެ ރަން އެބަހުއްޓެވެ. އެ ދީފިނަމަ އަޅުގަނޑު އަޅުވެތިކަމުން މިނިވަންކުރައްވަފާނުހެއްޔެވެ؟

މި ޢަދަދުގެ ރަނަކީ އޭނާގެ ޞާޙިބުމީހާ އުއްމީދުކޮށްފާނެ ވަރަށްވުރެ މާގިނަ ޢަދަދެކެވެ. އެކަމާމެދު އިރުކޮޅަކު ވިސްނާލުމަށްފަހު މިއީ ގޯސް ގޮތެއްނޫންކަމަށް އޭނާ ނިންމިއެވެ. ނަމަވެސް އެއަށްވުރެ އަދި އިތުރު އެއްޗެއް ލިބިދާނެކަމުގައި އޭނާ ހިތަށްއެރިއެވެ. ޚާއްޞަކޮށް ސަލްމާނުގެ އައު ރަޙްމަތްތެރިން އޭނާ މިނިވަންކުރަން އެހާ ޝައުޤުވެރިވެފައިވާއިރު އަދި އޭނާއަށް އެހާ އެހީތެރިކަމަށްވާނަމަ އިތުރު އެއްޗެއް ލިބިދާނެކަމުގައި އޭނާގެ ހިތަށްއެރިއެވެ. އެހެންކަމުން އޭނާ ބުންޏެވެ. އެންމެ ރަގަޅެވެ. އަހަންނަށް ރަންތައް ދޭށެވެ. ނަމަވެސް އޭގެ އިތުރަށް ކަލޭ އަހަންނަށް 300 ކަދުރު ރުއް އިންދައިދޭންވާނެއެވެ. އަދި އެ ރުއްތަކުގައި ކަދުރުއަޅާ ދުވަހުން ފެށިގެން ކަލޭ އަހަރެންގެ އަޅުވެތިކަމުން ސަލާމަތްވީއެވެ. މިގޮތް ކަލެއަށް އެންމެ ރަގަޅުހެއްޔެވެ؟ ސަލްމާނުގެ ޞާޙިބުމީހާ ހިތަށްއެރިއެވެ. 300 ކަދުރު ރުއް އެކުގައި އަހަރުދުވަހުން އަދި ފޯދި ކަދުރެއްނުގަންނާނެއެވެ. ވީމާ އޭނާގެ ފަރާތުން އަދި އަހަރުކޮޅެއްގެ ޚިދްމަތް އަހަންނަށް ލިބިދާނެއެވެ.

އޭގެ އަނެއްދުވަހު މުޅި މުސްލިމް ޖަމާޢަތް އެކުގައި ދަނޑުތަކަށް ނުކުމެ ކަދުރު ރުއް އިންދަންފެށިއެވެ. ޚުދު އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ކަދުރު ރުއް އިންދެވުމަށް ވަޑައިގަތުމުން ސަލްމާން ވަރަށް ޙައިރާންވިއެވެ. ކޮންމެ ރުކެއްވެސް ވަޅަށްޖެހުމާއެކު އެ ރުކަށް ބަރަކާތްލެއްވުން އެދި އެކަލޭގެފާނު ދުޢާކުރައްވައެވެ.

އެކަލޭގެފާނުގެ ދުޢާގެ ބަރަކާތުންތާއޭ ހަމަ އެ އަހަރު ހުރިހާ ރުކެއްގައި ކަދުރުގެންފިއެވެ.

ސަލްމާނުގެ ޔަހޫދީ ޞާޙިބުކަލޭގެ ޙައިރާންވިއެވެ. ހަޤީޤަތަށްބުނާނަމަ ތިޔަހާ އަވަހަށް ރުއްތަކުގައި ކަދުރުގެންފާނެކަމަކަށް އަހަރެން ހީއެއްނުކުރަމެވެ. އަހަރެން ހީކޮށްގެންމިހުރީ ކަލޭ އަދި ދުވަސްކޮޅަކު އަހަރެންގެ ޚިދްމަތުގައި ބަހައްޓަންކަމަށެވެ. ސަލްމާނުގެ ޞާޙިބު މީހާ އޭނާއާ ދިމާއަށް ބުންޏެވެ.

މިހެންކަމުން ހިތްހަމަނުޖެހި ހުރުމާއެކުގައިވެސް އޭނާ ސަލްމާން މިނިވަންކުރިއެވެ. މިކަމަށްޓަކައި މުޅި މުސްލިމް ޖަމާޢަތުން އުފާކުރިއެވެ. ﷲ އަށް ޙަމްދުހުއްޓެވެ. އެބޭކަލުން ދެންނެވިއެވެ. އަދި މިކަން ފާހަގަކުރުމަށްޓަކައި  އެބޭކަލުން ކުޑަ ޖާފަތެއް ތައްޔާރުކުރެއްވިއެވެ. އިތުރު ރަސޫލާ އެ ޖާފަތަށް ވަޑައިގަތެވެ. ޖާފަތް ފެށްޓެންވެފައިވަނިކޮށް އެކަލޭގެފާނުގެ އަތްޕުޅުން ކަދުރު މުށްވަރެއް ނަންގަވާފައި ސަލްމާނަށް ދެއްވައި ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން މި ކަދުރުކޮޅު ޤަބޫލުކުރައްވާށެވެ. ﷲ ކަލެއަށް ބަރަކާތްލައްވާނެތެވެ. ވަރަށް ބޮޑަށް ޝުކުރުދެންނެވުމަށްފަހު ސަލްމާން ކަދުރުތައް ޤަބޫލުކުރިއެވެ.

އެ އަހަރު ޞަޙާބީންގެ މެދުގައި ވަރަށް ގިނަ އެކުވެރި ބަޙުޘްތައް ހިގިއެވެ. އެބޭކަލުންގެ ސުވާލަކީ ސަލްމާނުގެފާނަކީ މުހާޖިރެއްތޯ ނުވަތަ މަދީނާގެ އަންޞާރެއްތޯއެވެ.

މުހާޖިރުން ވިދާޅުވިއެވެ. ސަލްމާނުގެފާނަކީ އަޅުގަނޑުމެންގެ ބޭކަލެކެވެ. ފަހެ އެކަލޭގެފާނު ވަޑައިގެން އެހުންނެވީ ފާރިސްކަރައިންނެވެ. އެކަމުން މުހާޖިރަކަށްނުވާނަމަ، މުހާޖިރަކަށްވާނީ ކޮންކަމަކުންބާވައޭ ތިމަންބޭކަލުންގެ ހިތަށްއަރައެވެ. މަދީނާގެ އަންޞާރުން މިއަށް ރައްދުދެއްވިއެވެ. ސަލްމާނުގެފާނަކީ މުހާޖިރެކޭތޯ؟ ހަމަހިލާވެސް ތިޔަހެންނަކުން ނުވާނެއެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވިއިރުވެސް އެކަލޭގެފާނު އުޅުއްވަނީ މަދީނާގައެވެ. . . . ތިޔަބޭކަލުން މިތަނަށް ވަޑައިގަތުމުގެ ކުރީގައިވެސް އެކަލޭގެފާނު އުޅުއްވަނީ މި ތަނުގައެވެ. އެހެންކަމަށްވާނަމަ އެކަލޭގެފާނަކީ އަޅުގަނޑުމެންގެ ބޭކަލެކެވެ. . . . އެކަލޭގެފާނަކީ އަންޞާރެކެވެ!

އިތުރު ރަސޫލާ އެކަމާ ވިދާޅުވީ މުޅިން އެހެން އެއްޗެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލްމާނުގެފާނަކީ ތިމަންކަލޭގެފާނުގެ ޢާއިލާގެ ބޭފުޅެކެވެ! ޚުދު ސަލްމާނުގެފާނު ވިދާޅުވީ ކީކޭބާވައެވެ؟ ހިތްތިރިކަމާއި އަދި ފުން ޝުކުރުވެރިކަމާއެކު އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގަނޑަކީ ސަލްމާނެވެ. އިސްލާމްދީނުގެ ދަރިއެކެވެ!

— ނިމުނީ —

ލިޔުމުގެ އަސްލު: ޚުއްރަމް މުރާދު

ތަރުޖަމާ: މުޙައްމަދު މުޖުތަބާ އާދަމް

ޝާއިޢުކުރެވިފައި ވަނީ: ދަރުމަ މަޖައްލާގައި (އޯގަސްޓު 2002ން ނޮވެމްބަރު 2002ށް)