ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (7)

ދީނީ

ސަލްމާނުގެ ޞާޙިބުމީހާ ތެދުވެގެން އޭނާގެ އެކުވެރިޔާގެ ގާތަށް ދިޔައެވެ. އަދި ސުވާލުކުރިއެވެ. އެކުވެރިޔާއެވެ. ވީ ކިހިނެއްހެއްޔެވެ؟ މައްކާގައިއުޅޭ ފިތުނަ އުފައްދާ މީހާ އަހަރެމެންގެ ސަހަރަށް ހިޖުރަކުރަނީއެވެ. އައުސް އާއި ޚަޒްރަޖް ވަންހައިގެ މީހުން އޭނާއާއި އޭނާއާ އެކުގައިއުޅޭ މީހުންނަށް މަދީނާއަށް ހިޖުރަކުރުމަށް ދަޢުވަތުދީފިއެވެ. އަހަރެން ކަލޭގެ ގާތުގައި ނުބުނަންހެއްޔެވެ؟ އެ ބީރައްޓެހިން މި ރަށަށް އައިސް އުޅެންފެށީމާ ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވާނެއެވެ. މީހުން ބުނާގޮތުގައި، އެ ނަބިއްޔެކޭ ކިޔައިގެންއުޅޭ މީހާއާ އޭނާގެ ތާބިޢީން ތިބޭނީ ޤުބާގައެވެ. އަދި ފަހުން އަހަރެމެންގެ ސަހަރަށް ބަދަލުވާނެޔޯލައެވެ! އައުސް އާއި ޚަޒްރަޖް ވަންހައިގެ މީހުންނަކީ އެމީހުންނަށް ކުރެވޭ ނުކުރެވޭ ކަމެއްނޭންގޭ ބަޔެކެވެ.

ހޫނ! ސަލްމާނުގެ ޞާޙިބު މީހާ ބުނެލިއެވެ. އަހަރެމެންނަކަށް އައު ނަބިއްޔެއް ބޭނުމެއްނުވެއެވެ. އަދި ޢަމުދުން ޚުދު އޭނާގެ އަމިއްލަ ރަށުގައި ނުރުހުންލިބިފައިވާ ނަބިއްޔެއް ބޭނުމެއްނުވެއެވެ! ކަދުރު ރުކުގެ މައްޗަށް އަރާއޮތް ސަލްމާން އަސަރުން ފުރިފައިވާޙާލު ތުރުތުރުއަޅާންފަށައިފިއެވެ. އެ ޔަހޫދީކަލޭގެ ގެ ބަސްތައް ސަލްމާނުގެ ފުރާނައާ ކުޅެލިއެވެ. ނޭވާވެސް ނުލެވިފައިވާޙާލު އޭނާ ރުކުގެ ކުރީގައިއިނެވެ. އަދި  އޭނާހިފަހައްޓައިގެންއިން ތަނުން އަތްދޫވެގެން އޭނާގެ ޞާޙިބުމީހާގެ ބޯމައްޗަށް ވެއްޓިދާނެއޭވެސް އޭނާއަށް ހިނދުކޮޅަކު ހީވިއެވެ. ނަމަވެސް އޭނާގެ ނަފުސު ކޮންޓްރޯލްކުރެވެންދެން އޭނާ ހިފަހައްޓައިގެން އިނެވެ. އެއަށްފަހު ރުކުން ފައިބައިގެންއައިސް އެ ދެ މީހުންގެ ކުރިމަތީގައި އޭނާ ހުއްޓިހުއްޓެވެ.

ތިޔަބޭކަލުން ތިޔަދައްކަނީ ކޮން ވާހަކައެއްތޯއެވެ؟ މައްކާއިން އަންނަ މީހަކީ ކާކުތޯއެވެ؟ އެމީހުން އޭނާއަށް ކިޔަނީ ކީކޭތޯއެވެ؟ ސަލްމާން ސުވާލުކޮށްގަތެވެ.

ސަލްމާނުގެ ކިބައިން މިފެނުނު އަދަބުކުޑަކަމުގެ ސަބަބުން އޭނާގެ ޞާޙިބުމީހާ ރުޅިއައިސް ރަތްވެއްޖެއެވެ. އޭނާ ސަލްމާނުގެ މޫނުމަތީގައި ތަފާލެއްޖަހާފައި ގައިގައި ކޮޅުފައިން ޖެހިއެވެ. މިއީ ކަލެއާބެހޭ ކަމެއްނޫނެވެ. ކަލޭގެ މަސައްކަތަށް އެނބުރިދާށެވެ. އަދި ކަލެއާ ނުބެހޭ ކަންތައްތަކުގެތެރެއަށް ނުވަންނާށެވެ. ކަލޭގެ މަޤާމް ކަލޭ ހަނދާންކުރާށެވެ. ކަލެއަކީ ހަމައެކަނި އަޅެކެވެ! ސަލްމާނުގެ ޞާޙިބުމީހާ އޭނާއާދިމާއަށް ޙަޅޭއްލަވައިގަތެވެ.

ރޭވުމާހަމައަށް ދިޔައިރު ސަލްމާނަކަށް އިތުރަކަށް ކެތެއްނުކުރެވުނެވެ. އޭނާގެ އަމިއްލަ ސަލާމަތާމެދު ސަމާލުކަމެއްނުދީ އޭނާގެ ކެއުމަށް ދެވޭ ކަދުރުކޮޅު ހިފައިގެން މަދީނާގެ އަނދިރި މަގުތަކުން، ފަރުބަދަކައިރި މަގުންލާފައި ޤުބާއަށް އޭނާ ދަތުރުކުރިއެވެ. އޭނާއަށް އެގިފައިވާގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުންނަވަނީ އެތަނުގައެވެ. ޤުބާއަށް ދެވިގެން އިތުރު ރަސޫލާ ވަޑައިގެންއުޅުއްވާ ތަނެއް ސާފުކުރަން އުޅެވުނުއިރުވެސް ވަނީ ފުދޭވަރަކަށް ދަންވެފައެވެ. ހީވާގޮތުގައި އެކަލޭގެފާނު ވަޑައިގެންވީ ތަނެއް އެންމެންނަށްވެސް އެގެއެވެ.

އިތުރު ރަސޫލާގެ ގެކޮޅަށް އޭނާ ވަންއިރު އޭނާއަށް ފެނުނީ އޯގާތެރި ހިނިތުންވުމަކާއެކު އިންނެވި ލޯފުޅު ބޮޑު ބުރުޞޫރަ ރިވެތި ބޭކަލެކެވެ. އެކަލޭގެފާނާ ބައްދަލުވުމަށް އެކަލޭގެފާނުގެ އަރިހަށް ދާންފެށުމާއެކު ސަލްމާނުގެ ހިތް ތެޅެންފެށިއެވެ.

މާތް މަނިކުފާނެވެ. އަޅުގަނޑަށް އެގިފައިވާގޮތުގައި ކަލޭގެފާނު މައްކާއިން ތިޔަވަޑައިގަތީ ހަމަ ދެންމެއަކުއެވެ. އަދި ކަލޭގެފާނުގެ އަރިހުގައި އެހެން ބޭފުޅުންވެސް ދަތުރުކުރެއްވިއެވެ.

އިތުރު ރަސޫލާގެ އިސްތަށިފުޅުން އިސާރާތްކުރެއްވުމަށްފަހު ސަލްމާނުގެ ވާހަކަ ކުރިއަށް ގެންދިއުމަށްޓަކައި އެކަލޭގެފާނު ހިމޭނުން އިންނެވިއެވެ.

އަޅުގަނޑުގެ އަތުގައި ކަދުރުކޮޅެއް އެބަހުއްޓެވެ. މިހެން ބުނަމުން ސަލްމާނުގެ ދަބަހުން ކަދުރު ބޮޑިއެއް ނެގިއެވެ. މިއީ އަޅުގަނޑު ކަލޭގެފާނަށް ޞަދަޤާތްކުރުމަށް ގެނައި އެއްޗެކެވެ. މި ކަދުރުކޮޅު ޤަބޫލުކުރެއްވުން އެދެމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަލްމާނާދިމާއަށް ބައްލަވަން އިރުކޮޅަކު އިންނެވުމަށްފަހު ހިނިވަރުނަކުރެއްވިއެވެ. އެކަލޭގެފާނުގެ ލޯފުޅުގައި ހިތްހެޔޮކަންވާކަން ސަލްމާނަށް ފާހަގަކުރެވުނެވެ. ސަލްމާނުގެ  އަތުން ކަދުރުކޮޅު ހިއްޕެވުމަށްފަހު އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ޞަޙާބީންނަށް ކަދުރުކޮޅު ފޯރުކޮށްލެއްވިއެވެ. ފަރިއްކުޅުއްވާށެވެ. އެކަލޭގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ސަލްމާނަށް ފާހަގަކުރެވުނުގޮތުގައި އިތުރު އެކަލޭގެފާނު އެންމެ ކަދުރުކޮޅެއްވެސް ފަރީއެއްނުކުޅުއްވައެވެ. އެކަލޭގެފާނު ފުރަތަމަ އިމްތިޙާނުން ފާސްވެވަޑައިގެންފިއެވެ. ސަލްމާން ހިތާހިތާ ބުންޏެވެ. އުސްޤުފް ބުނިފަދައިން އެކަލޭގެފާނު ޞަދަޤާތް ޤަބޫލުކުރެއްވުމަށް އިންކާރުކުރައްވައިފިއެވެ. ސަލްމާން މިކަމާމެދު ފިކުރުކޮށްލުމަށް ކޮޓަރީގެ ކަނަކަށްޖެހިލިއެވެ.

އެރޭ ވަރަށް ފަސްވަންދެން ސަލްމާން އެބޭކަލުންގެ އަރިހުގައި މަޑުކުރިއެވެ. ކުރިމަގާމެދު އެބޭކަލުން ރާއްވަވާ، ޚިޔާލުކުރައްވާ ގޮތްތަކާބެހޭގޮތުން ދެއްކެވި ވާހަކަފުޅުތައް އަޑުއެހުމަށެވެ. އިރުގަނޑެއް ވަންދެން އެތާގައި އިންފަހުން މިހާރު މާ ލަސްވެއްޖެކަން ސަލްމާނަށް އިޙްސާސްވިއެވެ. އަވަހަށް ގެއަށް ނުގޮސްފިނަމަ އޭނާ ޣައިބުވެފައިވާކަން އޭނާގެ ޞާޙިބުމީހާއަށް އެގިދާނެއެވެ. އެހެންކަމުން އެބޭކަލުންގެ އަރިހުން މާފުއެދެމުން، އެހެން ދުވަހަކުން އަދި އަންނާނެކަމަށް ވަޢުދުވަމުން ހިގައިގަތީއެވެ.

ޤުބާއަށް ދެން ދެވޭނީ ކޮން އިރަކުންބާވައޭ ސަލްމާނުގެ ހިތަށްއަރައެވެ. ނަމަވެސް އޭނާގެ ޞާޙިބުމީހާއަށް ޝައްކުނުވާގޮތަށް އޭނާ މިފަދަ ދަތުރެއް ދެވަނަފަހަރު ކުރާނީ ކިހިނަކުންހެއްޔެވެ. އޭނާގެ ހިތަށްއެރިއެވެ.

ދުވަސްކޮޅެއްފަހުން އޭނާގެ ޞާޙިބުމީހާގެ ފަހަތުގައި ބަގީޗާއަށް ދަނިކޮށް އެމީހުންނަށް ވަރަށް ގަޔާވާ ކަމަކާ ދިމާވިއެވެ. ވަރަށް ބޮޑު ޖަމާޢަތެއްގެ މީހުން މަގުމަތީގައި ހިގާފައި އަންނަނިކޮށް ފެނުނެވެ. އެމީހުންގެ ޒަޢީމަކަށް އިންނެވީ ހުދު ޖަމަލަކަށް ސަވާރުވެވަޑައިގެންއިންނެވި ބޭކަލެކެވެ. ސަލްމާނަށް ޔަޤީނެއްނޫނެވެ. ނަމަވެސް ތަންކޮޅެއް ކައިރިއަށް އައުމުން އެއީ އިތުރު ރަސޫލާއާއި އެކަލޭގެފާނުގެ ޞަޙާބީންކަން އޭނާއަށް އެގުނެވެ.

ހޫނ . . . . އެމީހުންތައް މިއޮށްއަންނަނީއެވެ. މުޅި ބައިގަނޑު މިއޮށްއަންނަނީއެވެ. އަހަރެމެންގެ މި ޞުލްޙަވެރި ސަހަރު ހަލަބޮލިކުރުމުގެ ބަދަލުގައި އެ އަމިއްލައަށް ހެދިގެންއުޅޭ ނަބިއްޔާ އެހެން ސަހަރެއް ހޯދިނަމަ ރަގަޅެވެ. ސަލްމާނުގެ ޞާޙިބުމީހާ ބުންޏެވެ.

އެހެންވީމާ އިތުރު ރަސޫލާ މަދީނާއަށް ބަދަލުވެވަޑައިގަތީތާއެވެ! އެކަލޭގެފާނު އެރޭ ރޭކުރައްވަނީ އަބޫ އައްޔޫބުލްއަންޞާރީގެ ގެކޮޅުގައިކަން އެގިފައިވުމާއެކު ކަދުރުކޮޅެއް ހިފައިގެން ވީހާ އަވަހަކަށް އެގެއަށް ދިއުމަށް ސަލްމާން އަވަސްވެގަތެވެ.

އެގޭ ދޮރުމަތީގައި ބަޔަކު މީހުން ބޮނޑިވެގެން އުޅެއެވެ. އަދި އެތަނުގައި ވަރަށް ފޯރިހިފާފައިވެއެވެ. މީސްތަކުންތެރެއިން ދެމިގަނެގެންގޮސް އިތުރު ރަސޫލާގެ އަރިހަށް ސަލްމާން ދިޔައެވެ. ސަލްމާން ވަރަށް ހަރުދަނާ އަޑަކުން އެކަލޭގެފާނާ މުޚާޠަބުކުރިއެވެ. ނަމަވެސް އެތެރެއިން އޭނާވަނީ ހާސްކަމުން ފުރިފައެވެ.

މާތް މަނިކުފާނެވެ. ކުރީ ރޭގައި އަޅުގަނޑު ޞަދަޤާތެއްގެގޮތުގައި ކަލޭގެފާނަށް ކަދުރުކޮޅެއް އެރުވީމާ ޚުދު ކަލޭގެފާނު އެ ފަރިއްނުކުޅުއްވާކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ. ވީމާ މި ކަދުރުކޮޅު އަޅުގަނޑުގެ ފަރާތުން ހަދިޔާއެއްގެގޮތުގައި ޤަބޫލުކުރައްވާނުތޯއެވެ؟

މިފަހަރުވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަލްމާނާދިމާއަށް ހިތްހެޔޮކަމާއި ލޯތްބާއެކުގައި ބައްލަވާލެއްވިއެވެ. އަދި އޭނާ ދިން ހަދިޔާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އެއަށްފަހު ވަރަށް ފަރުވާތެރިކަމާއެކު އެކަލޭގެފާނު ކަދުރެއް ނެންގެވިއެވެ. އަދި ދެންހުރި ކަދުރުތައް އެކަލޭގެފާނުގެ ޞަޙާބީންނަށް ބައްސަވާލެއްވިއެވެ.

ސަލްމާން ހިތްހަމަޖެހުމުގެ މާނޭވާއެއްލާފައި އެކަނި އިނދެލުމަށްޓަކައި މީސްތަކުންގެ ފަހަތަށް ޖެހިލިއެވެ. އޭނާގެ ހިތަށްއެރިއެވެ. އެކަލޭގެފާނު ހަދިޔާއެއް ޤަބޫލުކުރައްވައިފިއެވެ. ނަމަވެސް ޞަދަޤާތުން އެކަލޭގެފާނު ފަރީއެއްނުކުޅުއްވިއެވެ. އެކަލޭގެފާނު ދެވަނަ އިމްތިޙާނުން ފާސްވެވަޑައިގެންފިއެވެ. އުސްޤުފް އެބޭފުޅަކާބެހޭގޮތުން ވާހަކަދެއްކި ކަލޭގެފާނަކީ މިއީކަން ސަލްމާނަށް މިހާރުވެސް އިޙްސާސްވާން ފަށައިފިއެވެ. އެކަލޭގެފާނުގެ ގައިކޮޅުގައިވާ ކޮންމެ ކަމަކީ، އެކަލޭގެފާނު ޙަރަކާތްތެރިވެވަޑައިގެންއުޅުއްވާ ގޮތާއި، ބަސްފުޅު ވިދާޅުވާގޮތާއި، އަދި އިއްތިފާޤުން ސަލްމާނާ މަގުމަތިން ބައްދަލުވިގޮތް މަގުދައްކަނީ އެގޮތަށެވެ. ނަމަވެސް އެކަން އޭނާ ކަށަވަރުކުރަންޖެހޭނެއެވެ.

ޖެހިގެންއައި ދުވަހުގެ ހަވީރު ސަލްމާން އަބޫ އައްޔޫބުލްއަންޞާރީގެ ގެއަށް ދިޔައިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ ޞަޙާބީން ތިއްބެވީ މީހެއްގެ މައްޗަށް ކަށުނަމާދު ކުރައްވާށެވެ. ސަލްމާން ވަށައިގެން ބަލައިލިއިރު މަޛްބަޙެއްވެސް އަދި ފޭރާމެއްވެސްނެތެވެ. ﷲ އަށް އެމީހުން އަޅުކަންކުރަނީ ކޮން އެއްޗެއް ބޭނުންކޮށްގެންތޯ ސަލްމާން އެތަނުން ބޭކަލެއްކުރެން އަހާލިއެވެ. ﷲ އަހަރެމެންނަށް ދެއްވި ތަކެތިންނެވެ. އަހަރެމެންގެ ހަށިތަކުންނާއި އަހަރެމެންގެ އަޑުތަކުންނެވެ. އޭނާ ޖަވާބުދިނެވެ. (ނުނިމޭ)

ލިޔުމުގެ އަސްލު: ޚުއްރަމް މުރާދު

ތަރުޖަމާ: މުޙައްމަދު މުޖުތަބާ އާދަމް

ޝާއިޢުކުރެވިފައި ވަނީ: ދަރުމަ މަޖައްލާގައި