އޭރުގެ ހަނދާންތައް (2)

މަޢުލޫމާތު

މޫދުން އެއްގަމަށް އަރައިގެން ގެއަށް ދެވުނުއިރު ހުރީ އަސުރު ފަސްވެފައެވެ. ގެޔައްގޮސް ފެންވަރާލައިގެން ނިކުންއިރު ރައްޓެހި ކުދިންކޮޅު ގޭދޮރުމަތީގައި ހޯދަން އައިސް ތިއްބެވެ. އަވަހަށްގޮސް ބޮލާއި މުޅިގައިގާ އަސްގަރު ޢަލީ ތެޔޮލައި ކޯލާވާޓަރު ޖަހާލައިގެން ނުކުންއިރު އެކުދިން މިރޭ ކުރާނެ ކަމަކާމެދު ސައްލާކުރަނީއެވެ.

އެހެން އަނގަތަޅަން ތިބެފައި އިރު އޮއްސުމުން ނިކުތީ ހިރިކުޅޭ ކުދިން ފެނޭތޯއެވެ. ދަނޑުމަތި އަވަށުގައި އާންމުކޮށް ހިރިކުޅޭ ހިސާބަށް ދެވުނު އިރު ކުދިންތައް ހޭވައްޓާލާފައި ހިރިކުޅެނީއެވެ. އެކުދިން ވަރަށް ފަސޭހައިން އަހަރެމެން ބައިވެރި ކޮށްފިއެވެ. ކަންދިމާކުރިގޮތުން ފުރަތަމަ ހިރިގޮވަން ޖެހުނީ އަހަރެމެންނަށެވެ. ހިރިގޮވައިގެން އެހެން ކުއްޖަކާއެކު ހިނގަމުން ދަނިކޮށް ޖަނަރޭޓަރެއް ހިންގާފައިހުރި އަޑު އިވެންފަށައިފިއެވެ. ކައިރީގައި ހުރި ސޮރު ބުންޏެވެ.

” ޔަގީން އެވާނީ ކޮންމެވެސް ގެއެއްގައި ޓީވީ ދައްކަނީ ކަމަށް، ހިނގާ ފެނޭތޯދަމާ.”

މިހެންކިޔާފައި ޖެހިގެން އޮތް މަގަށް ނުކުމެވުނު އިރު ކަމަކު ދާކަށް ނެތެވެ. ގެއެއް ދޮށުގައި ޓީވީ އަޅުވަން މިހިރަ ތައްޔާރުވަނީއެވެ. ގޭ ދޮރުމަތީގައި މޭޒެއް ނެރެފައި ހުއްޓެވެ. މޭޒުކައިރިން ކިރިޔާ ހިގާލެވޭވަރު މަގެއް ދޫކޮށްފައި ކުޑަކުދިން (ޓީވީބެލުމަށް)  ބިންމަތީގައި އިށީދެ ތިއްބެވެ. އޭގެ ފަހަތުގައި ގޮނޑިގޮނޑީގައި ތިބި މީހުންގެ ބަރިއެކެވެ. އޭގެ ފަހަތުގައި ކޮޅަށް ތިބޭ މީހުންގެ ސަފުސަފެވެ. ކައިރީގައި ހުރި ފާރުމަތިވެސް ފުރި ބާރުވެފައެވެ.

މަވެސް ފިއްތަމުން ފިއްތަމުން ވަދެ ކުރީ ބަރީގައި އިށީދެއްޖައީމެވެ. އިރުކޮޅެއްވީތަނާ ޓީވީ ނެރެފިއެވެ. ދެން އެޔާ ކުޅޭ މީހަކު އައިސް ކުޅެކުޅެފައި ފިލްމެއް ލައްވާފައި އޮޅަން ޖައްސައިފިއެވެ. އެތައް އިރެއްފަހުން އޮޅާ ނިމިގެން ފިލްމު އަޅުވައިފިއެވެ. އެޅުވި އިރު ކަމަކު ދާކަށް ނެތެވެ. ފޮޓޯ ވެއްޓެނީއެވެ. ދެން އެޅުވީ ތޮއްޑޫ ބަނޑިޔާއެވެ. ކުދިންތައް ހޭންފަށައިފިއެވެ. ހެޑު ދާވީ ކަމުގައި އޮޕަރޭޓަރު މަޑުމަޑުން ބުންޏެވެ. އިރުކޮޅެއްވުމުން އެ ފިލްމު ނަގާ އެހެން ފިލްމެއް ލައްވައިފިއެވެ. ދެން އެޅުވީ ހިންދީ ފިލްމެކެވެ. އަހަރެމެން ބަލަނީ ފިލްމު ފަށާއިރު ތިން ބުދު ދައްކާ ތޯއެވެ. އޭރު ކިޔާގޮތުން ތިން ބުދު ދައްކައިފިއްޔާ ވަރަށް ތެޅުންގަޑު ގަދަވާނެއެވެ. އޭރު އަހަރެމެންނަކަށް ފިލުމުގައި ކިޔާ އެއްޗެއް ނޭނގެއެވެ. އޭރު ފިލްމު މޮޅުވަނީ ކަރާޓީ ގިނަވި ވަރަކުންނެވެ،

މިހެން ފިލްމުތެރެޔަށް ވަދެފައި ތިއްބާ މީހަކު ގޮވާލިއަޑު އިވިއްޖެއެވެ.

” 10 ޖަހައިފި. ސްކޫލު ކުދިން ގެޔަށް”

ބަލައިލި އިރު ސްކޫލު ޓީޗަރުން ކުދިން ގެޔަށް ފޮނުވާލަން އައިސް ތިއްބެވެ. ވީ ދެރައިން ލޮލުން ކަރުނަ އައެވެ. އެހާ ގަދަ ފިލްމެއްގެ ފަހު ކަރާޓީ ނުބަލާ ދާންޖެހުނީއެވެ. މަޑުމަޑުން ކެހެމުން ކެހެމުން ގޮސް ޓީޗަރުން ދިޔުމުން އެނބުރި އައިސް އަނެއްކާވެސް ޖައްސާލައި ފީމެވެ.

ފަހުކަރާޓީވެސް ނިމިއްޖެއެވެ. ނަންތައް އަރަން ފަށައިފިއެވެ. އޭރު ބައެއްކުދިން ގުގުރި ދަމާފައި ނިދަނީއެވެ. ބައެއްކުދިން ހަމަ ފިލްމު ފަށާއިރަށް ނިދާނެއެވެ. ދެން ފިލްމު ނިމުމުން ގެޔަށް ގެންދަންޖެހޭނީ ބެލެނިވެރިޔަކު އައިސް ނަގައިގަނެގެންނެވެ. އެހެން ތިބޭ އިރު ދޭތެރެ ދޭތެރެއިން ވަރުގަދަ ވިހަ ގޭސް ގަނޑުގަނޑުވެސް ދޫކުރާނެއެވެ. ހީވާނީ ހަމަ ކުނި ކަރުގޮހޮރު އެއްޗެއް އޮއްސާލާހެންނެވެ.

ފިލްމު ނިމުނަސް އެކަކުވެސް ގެޔައް ދާކަށް ނޫޅޭނެއެވެ. އެންމެންވެސް ބަލާނީ ރަތްބޮކި ނިވާލާ ތޯއެވެ. ރަތްބޮކި ނުނިވަނީސް އެކަކުވެސް ހަމަ ގުޑައެއް ނުލާނެއެވެ.

ރަތްބޮކިވެސް ނިވާލައިފިއެވެ. ތެދުވެ ދެކޮޅު ހޯދާ ބަލައިލައިފީމެވެ. ވެފައި ހުރި ބީތާއިން ހުޅަނގެއް އިރެއް ވަކިވާވަރެއް ނޫނެވެ. ތަނެއް ވަކިވާވަރުވީ އެތައް އިރެއް ފަހުންނެވެ. ދެން ގެޔާދިމާލަށް ދާ ބަޔަކާ އެކު ގެޔައްގޮސް އަރާ އޮށުވެ ނިދައިފީމެވެ.