ތެދުމަގު ހޯދުމަށް ކުރި ދިގު ދަތުރު (6)

ދީނީ

އެކަލޭގެފާނުގެ ގައިކޮޅުގައި ޢަލާމާތްތަކެއް ހުންނާނެއެވެ. މުސްކުޅި އުސްޤުފް މަޑުމަޑުން ޖަވާބު ދިނެވެ. އެތައް ޢަލާމާތްތަކެއް އެކަލޭގެފާނުގެ ކިބައިގައި ވާނެއެވެ. ނަމަވެސް ކަލެއަށް ތިން ޢަލާމާތެއް ވާނެއެވެ. ރަނގަޅަށް އަޑުއަހާށެވެ. މިހެން ބުނެފައި ކައިރިޔަށް އައުމަށް ސަލްމާނަށް އިޝާރާތް ކުރިއެވެ. ކަލޭ އެކަލޭގެފާނަށް ޞަދަޤާތެއް ދީފިނަމަ އެކަލޭގެފާނު އެ ޤަބޫލުފުޅެއް ނުކުރައްވާނެއެވެ. ފުރަތަމަ ޢަލާމާތަކީ އެއީއެވެ. ދެވަނަ ޢަލާމާތަކީ، ކަލޭ އެކަލޭގެފާނަށް ހަދިޔާއެއް ދީފިނަމަ އެކަލޭގެފާނު އެ ޤަބޫލުފުޅު ކުރައްވާނެއެވެ. ތިންވަނަ ޢަލާމާތަކީ އެކަލޭގެފާނުގެ އުފަން ލަފެވެ. އެކަލޭގެފާނުގެ ދެ ދެބޮބިފަޅިފުޅު ދެމެދުގައި އެކަލޭގެފާނުގެ އުފަންލައް ހުންނާނެއެވެ. އެއީ ނަބީކަމުގެ ސިއްކައެވެ. މި ޢަލާމާތްތަކުން ކަލެއަށް އެކަލޭގެފާނު ދެނެގަނެވޭނެއެވެ. މި ވާހަކަތައް ކިޔައިދިނުމަށްފަހު އެތައް މިނިޓެއް ވާންދެން އުސްޤުފް ހިމޭނުން އޮތުމަށްފަހު ސަލްމާނާ ދިމާއަށް އަތް އުފުލާލައިފައި އޭނާގެ ފަހު ނޭވާއާއެކު ސަލްމާނަށް ހެޔޮ ދުޢާ ކުރުމަށްފަހު އޭނާ މަރުވެއްޖެއެވެ.

އުސްޤުފް މަރުވުމަށްފަހު ސަލްމާން ވަރަށް ގިނައިރު ރޯން އިނެވެ. ނަމަވެސް އޭނާގެ ހިތާމައިގެ ފުރަގަހުގައި އުސްޤުފުގެ އެންމެފަހުގެ ހިނިތުންވުމާއި، އެއްދުވަހަކުން ﷲ ފޮނުއްވި ރަސޫލާ އާ އޭނާއާ ބައްދަލުވާނެކަމުގައި އޭނާ ވީ ވަޢުދުގެ ހަނދާން ހުއްޓެވެ. އޭނާގެ މުޅި ހަށިގަނޑު ވަނީ އެކަމަށް އެދިއެދިއެވެ. އެންމެ ފަހުގެ ނަބިއްޔާއާ ބައްދަލުވެ، އެކަލޭގެފާނުގެ ޞުޙުބަތުގައި އުޅުމަށެވެ.

ދުވަސްކޮޅެއްފަހުން ކަލްބް ޤަބީލާގެ މީހުންގެ ވިޔަފާރި ޤާފިލާއެއް އެ ސަހަރު ހުރަސްކޮށް ދަތުރުކުރިއެވެ. ފުރުޞަތުގެ ބޭނުންހިފައި، ސަލްމާން އެމީހުންނާ ބައްދަލުކޮށް އެ މީހުން ޢަރަބިކަރައަށް އެނބުރިދާ ދަތުރުގައި އެ މީހުންނާއެކުގައި ދާން ބޭނުންވާވާހަކަ ބުންޏެވެ. ސުންޕާ ވައްތަރަކަށް ހީލާފައި އެ މީހުން މި މަޢުޞޫމު ޒުވާނާއާ ދިމާއަށް ބަލާލިއެވެ. އަދި ރުޅިވެރި، ޖެއްސުމުގެ ރާގަކަށް ބުންޏެވެ. ކަލޭ ގެންގޮސްދިނުމުގެ ބަދަލެއްގެގޮތުގައި އަހަރެމެންނަށް ދޭނީ ކޮން އެއްޗެއްހެއްޔެވެ؟ އަހަރެމެން ހިލެއަކު މީހުން ގެންގޮހެއްނުދެމެވެ.

ސަލްމާން ފަސްޖެހުމެއްނެތި ބުންޏެވެ. އަހަރެންގެ އަތުގައި ހުރި އެއްޗެއްވިއްޔާ ގެންދާށެވެ. އަހަރެންގެ ގެރިތަކާއި ބަކަރިތައް ގެންދާށެވެ. ހުރިހާ އެއްޗެއް ގެންދާށެވެ. . . . ނަމަވެސް ކަލޭމެންނާއެކު އަހަރެން ގެންދަންވާނެއެވެ. އެމީހުން ބޭނުންވި ގޮތަކީ ހަމައެއީއެވެ!

ސަލްމާން ޤާފިލާއާއެކު ދަތުރު ފަށައިފިއެވެ. އަދި ފާއިތުވާ ކޮންމެ ދުވަހަކާއެކު ޢަރަބި ކަރައާއި ކައިރިވެވޭވަރަކަށް ހިތުގެ ނުތަނަވަސްކަން ބޮޑުވެއެވެ. އެމީހުންނާއެކު އޭނާ ދަތުރުކުރި މީހުންނަކީ އަދަބުކުޑަ އަދި ހަރުކަށި ބައެކެވެ. ނަމަވެސް ސަލްމާން އެކަމަކަށް ސަމާލުކަމެއްނުދެއެވެ. އޭނާވަނީ އޭނާގެ ހުވަފެންތަކާއި، ދުޢާތަކާއި އަދި ކުރިމަގަށް ކުރާ އުއްމީދުތަކުގައި ޣަރަޤުވެފައެވެ.

އެންމެފަހުން އެމީހުންނަށް އަލްޤުރާއަށް ދެވިއްޖެއެވެ. އެއީ ސޫރިއާއާއި މަދީނާއާ ދެމެދުގައިވާ ސަހަރެކެވެ. އެމީހުން މަޑުކުރީ ޖަމަލުތަކަށް ކާންދީ އަރާމުކޮށްހަދާށެވެ. އެހިނދު ބަޔަކު މީހުން ޤާފިލާއާ ދިމާއަށްއައިސް ޤާފިލާގެ ވެރިމީހާއާ މުޚާޠަބުކުރާތަން ސަލްމާނަށް ފާހަގަކުރެވުނެވެ. ދެބައިމީހުން ވަރަށް ގިނަ ވާހަކަތަކެއް ދައްކަންފަށައިފިއެވެ. ހީވަނީ ކޮންމެވެސް އެއްޗެއްގެ އަގާބެހޭގޮތުން ޒުވާބުކުރަނީހެންނެވެ. އެންމެފަހުން އެމީހުން ޤަބީލާގެ ޒަޢީމު އަތަށް ފައިސާ ކީސާއެއް ދިނުމާއެކު އޭނާ ސަލްމާނާ ދިމާއަށް އަންނަންފަށައިފިއެވެ.

މަގޭ މަޢުޞޫމު ރަޙްމަތްތެރިޔާއެވެ. ކަލޭގެ ދަތުރު މިހިސާބުން މި ނިމުނީއެވެ. އޭނާ ހީގެންފައި ސަލްމާނުގެ ހެދުމުގައި ހިފަމުން ސަލްމާނަށް ބުންޏެވެ. އަދި އެމީހުންނާ ދިމާއަށް ސަލްމާން ކޮށްޕާލިއެވެ. މިތިބަ ހެޔޮ މީހުންނާއެކު ކަލޭ ދާށެވެ. ލަހެއްނުކޮށް އެމީހުން ސަލްމާނުގެ ތަނބިކަށީގައި ހިލަހިލާ އަޅައިގެން ސަލްމާން ގޮވައިގެން ހިގައްޖެއެވެ.

ފިލައިގެންދިއުމަށް މާ ލަސްވެއްޖެއެވެ. އަހަންނަށް މިވަނީ ކިހިނެއްބާއެވެ! ސަލްމާން ހިތަށްއެރިއެވެ. މި ރަށުގެ މީހުންނަށް އަހަރެން އަޅެއްގެގޮތުގައި މިވިއްކާލެވުނީއެވެ. އަހަރެން މިވަނީ ކަދުރު ރުއްތަކާއި ކަޅު ދެ ފަރުބަދައިގެ ސަހަރާ ކިހާ ދުރެއްގައިކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. ސަލްމާން އޭނާގެ އަމިއްލަ ނަފުސަށް ހިތާމައާއެކު ބުންޏެވެ. އޭނާގެ އިސް ތިރިކޮށްލުމަށްފަހު އޭނާގެ ސަލާމަތާމެދު ދުޢާއެއްކުރެވޭތޯ އޭނާ މަސައްކަތްކުރިއެވެ.

އަނެއްދުވަހު ފަތިހު ސަލްމާން ކަދުރު ރުއްތަކުގެ ބަގީޗާއަށް މަސައްކަތްކުރުމަށް ގެންދެވުނެވެ. އަދި ގަދަ ހޫނުގައި މުޅި ދުވަހު މަސައްކަތްކުރަންޖެހޭނެކަމަށް ބުންޏެވެ. ކާންބޯން ސަލްމާނަށް ދެވެނީ ވަރަށް ކުޑަ މިންވަރެކެވެ. ނަމަވެސް އެކަމަކާ ސަލްމާން ފިކުރުބޮޑެއްނުވެއެވެ. އެހެނީ ކުޑައެތިކޮޅެއް ކައިގެންއުޅުމަށް އޭނާއަށް އާދަވެފައިވާތީއެވެ. ނަމަވެސް އޭނާގެ މޮޅިވެރިކަމަކީ އެހީތެރިވާނެ މީހަކު އޭނާގެ ގާތުގައި ނެތުމުގެ ސަބަބުން އެކަނިވެރިކަން އިޙްސާސްކުރެވޭތީއެވެ. އޭނާގެ މުރުޝިދު އޭނާ މިހާރު ހޯދާނީ ކިހިނަކުންބާވައެވެ. އޭނާގެ މި ތަޤްދީރުން ސަލާމަތްވުމުގެ ފުރުޞަތެއް އެބައޮތްބާވައެވެ!

އޭނާއަށް މިހާރު އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ ދުޢާއެވެ. ކުރެވޭނެ އެހެން ކަމެއްނެތެވެ. ﷲ ފިޔަވައި މަދަދަށް އެދި ދަންނަވާނެ ފަރާތެއްނެތެވެ. އޭނާއަށް ދުޢާކުރަންއެގުމުގެ ހަދިޔާ ދެއްވާފައިވާކަމުގެ ނަޞީބުގެ ބޮޑުކަން އޭނާއަށް ވިސްނުނީ އެ ދުވަސްތަކުގައި، އެ އެކަނިވެރި، އަނދިރި ރޭތަކުގެތެރެއިން ރެއެއްގައި އޭނާގެ ކުނާގަނޑުމަތީގައި އޮށޯވެގެންއޮއްވައެވެ. އެހިނދު އޭނާ ދުޢާކުރިއެވެ. ‘’އޭ އޯގާވަންތަ ﷲ އެވެ! މި ވޭނުން މި އަޅާ ސަލާމަތްކުރައްވާފާންދޭވެ. މި އަޅާއަށް ޙައްޤު މަގު ދައްކަވާފާނދޭވެ. އަދި މި އަޅާ އެންމެފަހުގެ ނަބިއްޔާއާ ހަމައަށް ވާޞިލުކޮށްދެއްވާފާނދޭވެ. މިއަޅާ އަޅުވެތިކަމުން ސަލާމަތްކޮށްދެއްވައި، މިނިވަންކޮށްދެއްވާފާނދޭވެ. އާމީން.” ދުޢާގެ މި ބަސްތައް އޭނާ ކިޔާ ކޮންމެ ހިދަކު އޭނާއަށް ހިމޭންކަން އިޙްސާސްކުރެވެއެވެ. ފިނިފެން އޭނާގެ ގައިގާ ހިގާހެން ހީވެއެވެ. އޭނާގެ މޮޅިވެރިކަމާއި ހިތާމަ ފިލައިގެންހިގައްޖެއެވެ. އެއާ ޚިލާފަށް އޭނާއަށް ސަލާމަތްކަން އިޙްސާސްކުރެވުނެވެ. އެއީ މުސްކުޅި އުސްޤުފް އޭނާގެ އެންމެ ފަހު ނޭވާ ބޭރުކޮށްލިހިނދު އޭނާގެ ކިބާގައިވީފަދަ ހިމޭންކަމެކެވެ.

އެއްދުވަހަކު އޭނާގެ ޞާޙިބުމީހާ އޭނާގެ ގާތަށްއައިސް ބުންޏެވެ. އަހަރެންގެ ދެބެންގެދެދަރި މީހަކަށް ކަލޭ އަހަރެން ވިއްކާލައިފީމެވެ. މިއަދު މެންދުރުފަހުން ކަލޭ ޔަޘްރިބަށް (މަދީނާއަށް) ދާން ފުރަންޖެހޭނެއެވެ. ކަލޭ އޭނާއަށް މަސައްކަތްކޮށްދޭނީ އެތަނުގައެވެ.

އޭނާއަކީ އޭނާގެ އަމިއްލަ ވެރިމީހާކަމުގައިނުވާހިނދު ސަލްމާނުގެ މިލްކުވެރިކަން ލިބިގެންވަނީ ކޮންމެ މީހަކަށްކަމުގައިވިއަސް އޭނާއަށް ފަރުވާލެއްނެތެވެ. އަދި އޭނާ ދަނީ ކޮންތާކަށްކަމާމެދަކުވެސް އޭނާ ފަރުވާލެއް ނުބަހައްޓައެވެ. އޭނާއަކީ ކޮންމެ މީހެއްގެ އަޅެއްކަމުގައިވިއަސް އޭނާއަށް ކޮންކަމެއްހެއްޔެވެ؟ އަދި ކޮންމެ ތަނެއްގައި އުޅެންޖެހުނުކަމުގައިވިއަސް އޭނާއަށް ކޮންކަމެއްހެއްޔެވެ؟ އެއީ އޭނާގެ އަމިއްލަ އިޚްތިޔާރެއްނޫންކަމުގައިވާއިރު އެމީހުން މިސްރާބުޖެހީ ކޮން ދިމާއަކަށްތޯ އަދި އެމީހުން ދަތުރުކުރަމުންދިޔަ ހިސާބުގެ މާޙައުލާމެދުވެސް ސަލްމާން ފަރުވާލެއް ނުބަހައްޓައެވެ. އޭނާގެ ޞާޙިބުމީހާގެ ފަހަތުން މަޑުމަޑުން އޭނާ ހިގަމުންދިޔައެވެ. އޭނާގެ އަތުގައި ޖަހާފައިވާ ހިލިހިލާތަކުގެ ސަބަބުން އެނާގެ އަތުގެ ކުޑަހުޅަށް މިހާރު ތަދުވާންވެސް ފަށައިފިއެވެ.

ކޮންމެވެސް ހިސާބަކުން އޭނާ ވެއްޓިއްޖެއެވެ. އޭނާ ތެދުވަންވެގެން ބޯހިއްލާލިއިރު އޭނާއަށް ދުރުން ފެނުނު މަންޒަރަކީ އޭނާގެ ހިތް އުފަލުން ފުރިއުތުރިއެރި ކަމެކެވެ. އެހިނދު އޭނާއަށް ފެނުނީ އޭނާގެ އުތުރަށާއި ދެކުނުގައި ކަޅު ދެ ފަރުބަދަ ހުއްޓައެވެ! އަދި އޭނާގެ ކުރިމަތިން ތަންކޮޅެއް ދުރުން ކަދުރު ރުއްތަކުގެ ބަގީޗާއެކެވެ. މިއީ އެ ސަހަރުބާވައެވެ؟ ޔަޤީނުންވެސް މިއީ ކަޅު ދެ ފަރުބަދައިގެ ރަށެވެ. ފަހެ ދެ ފަރުބަދަ އެހެރީ ދިމާއަށް ފެންނާށެވެ! މި ހުރިހާ ދުވަސްތަކާއި، މި ހުރިހާ ހޯދުމަށްފަހު، ޤުރުބާނީއާއި ކެކުޅުމަށްފަހު އުސްޤުފް އޭނާއަށް ކިޔާދިން އެންމެ ފަހުގެ ނަބިއްޔާއާ އޭނާއަށް ހަމަޔަޤީނުންވެސް މިތަނުން ބައްދަލުވާނެއެވެ!

ސަލްމާން އޭނާގެ ހަމައިސްކޮޅަށް ތެދުވުމަށްފަހު ލުއިކަމާއި އުފަލާއެކު ހިގަންފެށިއެވެ. ސަލްމާނަށް މިއައި ކުއްލި ބަދަލު ފާހަގަކުރެވުމާއެކު އޭނާގެ ޞާޙިބުމީހާ އެކަމާ ޙައިރާންވެ، އޭނާއާމެދު ތަންކޮޅެއް ބޮޑަށް ސަމާލުވެގެން ބަލަންފެށިއެވެ. އޭގެފަހުން ފާއިތުވެގެންދިޔަ ދުވަސްތަކުގައި ސަލްމާނަކަށް މާ ބޮޑުކަމެއް ދިމާއެއްނުވެއެވެ. އޭނާގެ ޙަޔާތުގެ ދުވަސްތަކަކީ ހަމައެކަނި ބުރަ މަސައްކަތާއި، މަދު ކާނާކޮޅެއްގެ މައްޗަށް އެކަނި އެކުލެވޭ ތަކުރާރުވުންތަކެކެވެ. ނަމަވެސް ސަލްމާން އެކަމާ އަޅައެއްނުލައެވެ. ފަހެ އޭނާ ކޮންމެ ދުވަހަކު ހެދުނު ތެދުވާއިރަށް އޭނާގެ ކުރިމަތިން ކަޅު ދެ ފަރުބަދައާއި ވަށައިގެންވާ ކަދުރު ރުއްތަކުގެ ބަގީޗާތައް އޭނާއަށް ފެނެއެވެ. މި ތަކެއްޗަކީ އޭނާ ހޯދަންއުޅޭ ކަންތަކުގެމަތިން އޭނާއަށް ހަދާންކޮށްދޭ ކަންތައްތަކެކެވެ. އެއީ އޭނާއަށް ކޮންމެ ދުވަހެއްގެ ކޮންމެ ހިދުކޮޅެއްގައިވެސް އުއްމީދުގެ ރަމްޒުތަކެއްކަމުގައިވާ ދެ ކަމެވެ. އެތަކެތި ފެންނަހިނދު އޭނާގެ ހިތް އެކީ އެއްވަގުތެއްގައި ކެތްތެރިކަމާއި ޝައުޤުވެރިކަމުން ފުރިގެންދެއެވެ.

އާއެކެވެ. އޭނާ މީގެފަހުން ކެތްތެރިވާނެއެވެ. ބަރަކާތްތެރި ނަބިއްޔާ މި ސަހަރަށް ވަޑައިގަންނަވާނެކަން އޭނާއަށް ޔަޤީނެވެ. އޭނާއަށް ކަމުގެ ޙަޤީޤަތް އެގޭނެނަމައެވެ. އޭނާ އެހީކުރީ ހަމަ ރަގަޅަށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާގައި އުޅުއްވުމުގެ ދުވަސްތައް ނިމުމަކަށް އަންނަނީއެވެ. މައްކާގެ އަހުލުވެރިންގެ އަނިޔާވެރިކަން ޙައްދުފަހަނައަޅާދިޔަހިނދު މައްކާ ދޫކުރައްވައި އެހެން ސަހަރަކަށް ހިޖުރަކުރެއްވުމަށް އެކަލޭގެފާނަށް މަޖުބޫރުވެ ވަޑައިގެންފިއެވެ. އެކަލޭގެފާނުގެ ރިސާލަތު ފެތުރުއްވުމައިގެން ކުރިއަށް ވަޑައިގެންނެވޭނެ އައު ތަނެއް ހޯއްދެވުމަށްޓަކައެވެ. އެކަލޭގެފާނު ހިޖުރަކުރެއްވުމުގެ މިސްރާބަކީ ޔަޘްރިބެވެ. މިހާރުގެ މަދީނާއެވެ.

އެއްދުވަހަކު ބަގީޗާގައި މަސައްކަތްކުރަން ކަދުރު ރުކެއްގައި އޮއްވައި މީހަކު ދުވެފައިއައިސް އެ ކަދުރު ރުކުގެ ހިޔަލުގައި އިށީންދެގެންއިން ސަލްމާނުގެ ޞާޙިބުމީހާއާ ބައްދަލުކުރިއެވެ. އަހަރެމެން އެންމެންނަށް ހަލާކުހުއްޓެވެ! ކަލޭ އެ ޚަބަރު އަހައިފީމުހެއްޔެވެ؟ ޞާޙިބުމީހާއާ ދިމާއަށް އޭނާ ބުންޏެވެ. (ނުނިމޭ)

ލިޔުމުގެ އަސްލު: ޚުއްރަމް މުރާދު

ތަރުޖަމާ: މުޙައްމަދު މުޖުތަބާ އާދަމް

ޝާއިޢުކުރެވިފައި ވަނީ: ދަރުމަ މަޖައްލާގައި