ހިކިގަހާއި ތިމަރަ ފަތްގަނޑު

ވާހަކަ ސަމާސާ

މޫސުން ރީތި އަވިދޭ ދުވަހެއްކަމުން އެކުވެރިއަކާއި އެކު ވަލަށް ދަރު ކަނޑަން ދިޔަ ދުވަހެކެވެ. މަޖާކޮށް އެކިއެކި ސަކަރާތްޖަހަމުން ދަނިކޮށް އެއްކޮށް ހިކިފައިހުރި ހެޔޮވަރު ވަރެއްގެ އުނި ގަހެއް ފެނިއްޖެއެވެ. ދެމީހުނަށްވެސް  އެގަސް ދަރަށް ކަމުދާނެކަމަށް އެއްބަސްވެވި އެގަސް ކަނޑަން ފަށައިފީމެވެ. އަހަރެން އެދުވަހު ކަތިވަޅިއެއް ނުގެންދަމެވެ. އެކުވެރިޔާ ގެންދިޔަ ކުޑަ ކަތިވަޅިއަކުން ދެމީހުން ބަހައިގެން ފަހަރަކު މީހަކު ގަސް ކަނޑަމުން ދަނީއެވެ. ގަހުގެ މަދުގަނޑާ ޖެހިއްޖެއެވެ. ކުއްލިއަކަށް އެކުވެރިޔާ ވަރަށް ހާސްވެފައި ގަހުގެ މަދުގަނޑަށް އިޝާރާތްކޮށް މަދުގަނޑުތެރޭގައި ފާޑެއްގެ އެއްޗެއް އެބަ އޮތްކަމަށް ބުންޏެވެ.

އަހަރެން ބަލައިލައިފީމެވެ. އާއެކެވެ. ޒާތެއްގެ މައުދަން ގަނޑެއް ގަހުގެ މަދުތެރޭގައި އެބަ އޮތެވެ. ދެމީހުންގެ ހާސްކަން އިތުރުވާން ފަށައިފިއެވެ. ދާހިއްލަން ފަށައިފިއެވެ. ހިތަށް ތަފާތު ވަހުމުތައް ވަދެ ނުބައި ހީތައް ކުރެވެން ފަށައިފިއެވެ. އެކި އެކި ޚިޔާލު ތަކަށްފަހު ދެމީހުންނަށް އެއްބަސްވެވުނީ އެގަހަށް މީހަކު ސިހުރު ހަދާ ތިމަރަފަތްގަނޑެއް ލާފައިވާ ކަމަށެވެ. ގަސް ހިކެން ދިމާވީ އެހެންވެގެންނެވެ. ގަންބިރުން ދެމީހުން ގެއަށް އަންނަން ހިނގައިގެންފީމެވެ. މީހުން އުޅޭ ހިސާބާ ދާދި ކައިރިވެފައި ހުއްޓާ އެއްލި ކަޅިއަކުން އަހަރެންނަށް ފެނުނީ ކަތިވަޅީގެ މިޔައިގެ ބޮޑު ބައެއް “ކާލާފައި” ވާތަނެވެ. ވަރަށް ހިނިއައިސް އެކުވެރިޔާ ކައިރީގައި ގަސްތެރޭގައި އެއޮތީ ތިޔަވަޅީގެ މިޔައޭ ބުނެފީމެވެ. އެކުވެރިޔާ ގާތަށް ހިނިއައުމުގެ ބަދަލުގައި އިތުރަށް ވީ ހާހެވެ. ވާނީވެސް އެހެންތާއެވެ. ކަތިވަޅީގެ މިޔަ ނެތުމުން ބައްޕަ ރުޅިއަންނާނެއެވެ. ދެމީހުން މަޝްވަރާކުރުމަށްފަހު ކަތިވަޅި ގެޔަށް ނުގެންގޮސް އެދިމާ ގޮނޑަށް އެއްލާލާފައި ގެއަށް އައިސްފީމެވެ. އަދި އެކަކު ކައިރީގައިވެސް އެވާހަކައެއް ނުދައްކަމެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. އެކުވެރިޔާގެ ގެޔަށް އަހަރެން ދިޔައިރު ކަތިވަޅީގެ މައްސަލަ އޮތީ ވަރަށް ގޯސްވެފައެވެ. އެކަން ވީ ކިހިނެއްތޯ އަހާލުމުން އެކުވެރިޔާ ބުނީ މީހަކު އެ ކަތިވަޅި ހޮވައިގެން ބައްޕައަށް ގެނެސްދިނީއެވެ. އެމީހަކަށް ބައްޕަގެ ކަތިވަޅިއެއްކަން އެނގުނީ ކިހިނެއްތޯ އެހުމުން އެކުވެރިޔާ ވަރަށް ހިނިއައިސްފައި ކަތިވަޅީގެ މުއްގަނޑުގައި ވަރަށް ބޮޑުކޮށް ކަނޑާނަގާ ބިލެއްހުނި ގަނޑުކޮށްގެން ބައްޕަގެ ނަން އަޅާފައި އޮތެވެ. ވާނީވެސް އެހެންތާއެވެ! ބިރުން ތިބިވަރުން އެވަރު ބަލައިލާކަށްވެސް ހަނދާނެއް ނެތެވެ.